ކްލަބް މޯލްޑިވްސްގެ މި އަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި، އެ ކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކްލަބް މޯލްޑިވްސް އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތައް ބާއްވަމުން އަންނަ ކްލަބެވެ. މީގެ 18 އަހަރު ކުރިން 2005 ވަނަ އަހަރު ވުޖޫދަށް އައި ކްލަބް މޯލްޑިވްސް އިން މި މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ފުޓްސަލް ތަރައްގީކޮށް ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ފުޓްސަލް ކުރިއެރުވުމެވެ.
ދިރާގުން ބުނީ އެ ކުންފުންޏާ އެކު ވެވުނު ޕާޓްނަރޝިޕްގެ ދަށުން ކްލަބް މޯލްޑިވްސްއިން މި އަހަރުގެ ތެރޭގައި ހަތަރު މުބާރާތެއް ބާއްވާނެ ކަމަށެވެ. އެ ހަތަރު މުބާރާތަކީ 18/30 ކްލެސިކް 2023، އަށާރަ ތިރީސް 2023، ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް 2023 އަދި ކްލަބް މޯލްޑިވްސް 2023 ކަޕެވެ.
މީގެ ތެރެއިން 18/30 އަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތެވެ. އަންހެނުން ބާރުވެރިކުރުވުމަކީ ދިރާގުގެ މައިގަނޑު ފޯކަސް ދާއިރާއަކަށްވެފައި މި އަހަރުގެ ޝެޑިއުލް މުބާރާތްތަކުގެ ސިލްސިލާއަށް މި އާ އެޑިޝަން ފެނުމަކީ އެ ކުންފުނިން ވަރަށް އުފާކުރާ ކަމެއް ކަމަށް ދިރާގުން ބުނެއެވެ.
މި އަހަރު، ކްލަބް މޯލްޑިވްސްގެ ފިރިހެނުންނަށް ޙާއްޞަ ދެ މުބާރާތް، ކްލަބް މޯލްޑިވްސް ކަޕް، ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް، އަދި އަންހެން ޑިވިޝަން ދެ މުބާރާތް، 18/30 ފިއެސްޓާ އަދި 18/30 ކްލަސިކް ކުރިއަށްދާނީ އެކުއެކީ، މި ހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.
ދިރާގުން ދަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިއްމާގެ ދަށުން ޒުވާނުން ބާރުވެރިކޮށް، ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުން ދެމުންނެވެ.