twitterviber whatsapp telegramfacebookyoutube instagram
9th May 2024

ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

ނަބީލާ އިސްމާޢީލް
Jul 19, 2023

ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ހިޖުރީ އާ އަހަރު 1445 ފެށުމުގެ މުނާސަބާގައި ފޮނުއްވި ހިތޯބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ހިޖުރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ އެންމެ މުހިންމު އެއް މަގުސަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުންކަން ފާހަގަކުރެއްވިއެވެ.

އަދި މަދީނާގެ ބިމުގައި އިސްލާމީ އުންމަތް ކުރިލައި ހެދިގަތީ، ހިޖުރައަށް ފަހުގައި މުސްލިމުންނަށް ލިބުނު އަމާންކަމާއި ހިތްހަމަޖެހުމުންކަން ފާހަގަކުރައްވައި ހިޖުރީ އައު އަހަރެއް ފެށޭ މި މުނާސާބާ ފާހަގަކުރާއިރު އެ މަތިވެރި ހާދިސާއިން ލިބިދޭ ފިލާވަޅުތަކުން އިބްރަތް ހާސިލުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ހިތާބުގައި، ދިވެހިންގެ މެދުގައި އޮތް ހަމަޖެހުމާއި ސުލްހަވެރިކަމުގެ މަތީގައި ގައުމު ބިނާކުރުމަށާއި އިގުތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ގައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް މި ގައުމު ފޯރުކޮށްދިނުމަށް މިސްރާބު ހިފުމަށް ވެސް އެންމެހާ ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް، އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ހިތޯބު ނިންމަވައިލައްވާފައި ވަނީ މިފެށުނު ހިޖުރީ 1445 ވަނަ އަހަރަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން ގެނެސްދޭނެ އުފާވެރި އަހަރެއް ކަމުގައި ލެއްވުން އެދި، ދުއާ ދަންނަވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355