twitterviber whatsapp telegramfacebookyoutube instagram
22nd May 2024

ހަށިވިއްކުމުގެ ތުހުމަތުގައި މާލޭ އިން ފަސް މީހަކު ހައްޔަރުކޮށްފި

އަބްދުލް ވާހިދު ޙަސަން
Jul 22, 2023

މާލޭ ސިޓީގެ ސްޕާއެއްގައި ހަށިވިއްކާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގީ މާލޭގައި ހިންގަމުންދާ އަލޯރާ ސްޕާ އެންޑް ސެލޯންގައި ހަށިވިއްކާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެންނެވެ. އެތަނުން ހައްޔަރު ކުރި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީ ތިން އަންހެނުންނާއި ދިވެހި ދެ ފިރިހެނެކެވެ. އެއީ 34 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި 43 އަހަރުގެ ބިދޭސީ އަންހެނަކާއި 38 އަހަރު އަދި 39 އަހަރުގެ ދެ ފިރިހެނުންކަމަށެވެ.

ހައްޔަރުކުރި ތިން އަންހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފަ އެވެ. 38 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ދިން އިރު 39 އަހަރުގެ މީހާގެ ބަންދަށް ދިނީ 5 ދުވަހެވެ.

ފުލުހުން ބުނި ގޮތުގައި އޭގެ ތެރެއިން ބައެއް މީހުން ހައްޔަރު ކުރީ ނިވާކަންކުޑަކޮށް ތިއްބަ އެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސާއި، ސްޕެޝަލް އޮޕަރޭޝަނާއި، އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މާލޭގައި ހިންގާ ބައެއް މަސާޖު ޕާލާތަކާއި ސްޕާތަކުގައި ބިދޭސީ އަންހެނުން ލައްވައި ހަށިވިއްކުވާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެފަދަ ތަންތަނުގައި ހަށިވިއްކަމުން ދަނިކޮށް ވެސް ފުލުހުން މީގެ ކުރިން މީހުން އަތުލައިގަނެފައި އެބަ ހުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355