ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ އުންމީދު ވާހަކަ ކޮޅެއް ވިދާޅުވުމާއެކު ހޯލުގައި ތިބި އެންމެ އެކަމާ އަތް ޖަހައި އުފާކުރި އެވެ. ޒަމާންވީ އެއް މައްސަލަ ހައްލުވެދާނެކަމުގެ ކޮންމެވެސް ވަރެއްގެ ފެހި ސިގްނަލެއް ލިބުނީތީ އެވެ.
2021 ވަނަ އަހަރުގެ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭން ބޭރުގެ ބަޔަކާ މަޝްވަރާކުރެވި މިރަށުގައި 1000 ހައުންސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މިހާރު އޮތީ އަގުގެ މަސައްކަތް މަޝްވަރާކުރެވި ނިމުމަކާ ހިސާބުގައިކަމަށް ރައީސް އެދުވަހު ވިދާޅުވި އެވެ.
މޭޔަރުވެސް ވާހަކަދެއްކެވި އެ ޖަލްސާގައި އެންމެ ބޮޑަށް ފާހަގަކުރެއްވީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ވާހަކަ އެވެ. އެ މައްސަލައަށް ހައްލު ހޯދަވައިދެއްވުމަށްވެސް ރައީސްގެ އަރިހުން މޭޔަރުވެސް އެދިވަޑައިގެންނެވި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ބަޖެޓްގައި ހިމަނައިގެން ސީދާ ބަޖެޓް ހަރަދުކޮށްގެން 1.2 ބިލިއަން ރުފިޔާގެ ބަޖެޓަކާއެކު އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިންގާކަން ރައީސް ވިދާޅުވި އެވެ.
""އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ބަޖެޓް އެކަނި ސީދާ މިރަށަށް 400 ހައުންސިންގ ޔުނިޓް މިހާރު ވާނީ ރިޒާވްކޮށްފައި. އަދި އޭގެ އިތުރުން ބޭރުގެ ފަރާތަކުން މަޝްވަރާކުރެވި މިރަށުގައި 1000 ހައުންސިންގ ޔުނިޓް އެޅުމުގެ އަގުގެ މަސައްކަތް މަޝްވަރާކުރެވި ނިމުމަކާ ހިސާބަށް އައިސްފަ އޮތް ވާހަކަވެސް މިވަގުތު ތިޔަ ބޭފުޅުންގެ މައުލޫމާތަށްޓަކާ ދަންނަވާލާނަން."ރައީސް ސޯލިހް
"އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ބަޖެޓް އެކަނި ސީދާ މިރަށަށް 400 ހައުންސިންގ ޔުނިޓް މިހާރު ވާނީ ރިޒާވްކޮށްފައި. އަދި އޭގެ އިތުރުން ބޭރުގެ ފަރާތަކުން މަޝްވަރާކުރެވި މިރަށުގައި 1000 ހައުންސިންގ ޔުނިޓް އެޅުމުގެ އަގުގެ މަސައްކަތް މަޝްވަރާކުރެވި ނިމުމަކާ ހިސާބަށް އައިސްފަ އޮތް ވާހަކަވެސް މިވަގުތު ތިޔަ ބޭފުޅުންގެ މައުލޫމާތަށްޓަކާ ދަންނަވާލާނަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި 1000 ހައުންސިންގ ޔުނިޓްގެ އަޕްޑޭޓަކީ ކޮބާ ތަކުރާރުކޮށް އެހުމުންވެސް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވާހަކައެއް ނުދެއްކެވި އެވެ. ފުރަތަމަ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރީ މިއަހަރުގެ މެއިމަހު އެވެ. އެ ދުވަހު މިއުވާން ވިދާޅުވީ، މައުލޫމާތު ޗެކް ކުރުމަށްފަހު ގުޅާނެ ކަމަށެވެ.
އެކަމަކު އޭގެ ފަހުން ދެ ފަހަރެއްގެ މަތިން 1000 ޔުނިޓްގެ ސުވާލު އެހުމުން އެއްވެސް ޖަވާބެއް ނުދެއްވި އެވެ. އެހެންވުމުން ސަރުކާރުގެ ބަހެއް މިކަމުގައި ލިބޭ ގޮތް އަދި އޮތީ ނުވެފަ އެވެ.
މޭޔަރު އާތިފް ވިދާޅުވީ، ސިޓީ ކައުންސިލުން އެންމެ ބޮޑަށް ބޭނުންވާ އަދި އެންމެ މުހިންމުކަމެއްގެ ގޮތުގައި ސަރުކާރުގައި އަބަދުވެސް އެދޭ އެއް ޕްރޮޖެކްޓަކީ 1000 ހައުންސިންގ ޔުނިޓްގެ މަސައްކަތް ކަމަށާއި އެކަމުގެ ފަހުގެ މައުލޫމާތެއް ކައުންސިލަށް ލިބިފައިނުވާ ކަމަށެވެ.
ރައީސް ވިދާޅުވި 400 ހައުންސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފެށި ފިނިހަކަ ދުވެލީގައި ކުރިއަށް އެބަދެ އެވެ. އެކަމަކު އެ 400 ހައުންސިންގ ޔުނިޓަކީ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް އޮތް ކަމަކަށްނުވާތީ 1000 ޔުނިޓްގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރުކުރެ އެވެ.