ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފި އެވެ.
ޖޭޭއެސްސީން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އާދަމް އަލީގެ ވަކިކުރަން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ އެތައް މެސެޖުތަކެއް ކޮށްފައިވާކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާތީ ކަމަށެވެ.
އިސް މެޖިސްޓްރޭޓް އަލީ އާދަމް ވަނީ ދައުވާގައި ހިމެނޭ ޚަސްމަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަހުމަތްތެރިކަން ބާއްވަން ހުށަހަޅާ، ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހާފަ އެވެ. އަދި މިނޫންވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަހުގީގަށް ސާބިތުވެގައިވާކަމަށް ޖޭއެސްސީ ބުންޏެވެ.
އަދި އޭނާ ވަނީ ނުނިޔަތެއްގައި ނުރަނގަޅު ނިޔަތެއް އޮވެގެން އެ އަންހެން މީހާ ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކޮށްފައި ކަމަށްވެސް އެކޮމިޝަނުގެ ބަޔާނުގައި ބުންޏެވެ.
" އަލީ އާދަމްގެ މި އަމަލު ތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 9 ވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 ވަނަ މާއްދާއާއި، 2.2 ވަނަ މާއްދާއާއި، 2.3 ވަނަ މާއްދާއާއި، 3.1 ވަނަ މާއްދާއާއި، 4.2 ވަނަ މާއްދާއާއި ޚިލާފު އަމަލުތަކެއްކަން ސާބިތުވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް 2023 ޖުލައި 23 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 48 ވަނަ ޖަލްސާގައި ވަނީ ނިންމަވާފައެވެ." ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
މި މައްސަލަ އާ ގުޅިގެން މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަލީ އާދަމް ހުންނެވީ ސަސްޕެންޝަނުގަ އެވެ. ޖޭއެސްސީއިން މިއަދު ބުނީ އޭނާ ސަސްޕެންޝަނުގައި ހުއްޓައި ހަމަ އެފަދަ އިތުރު މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އަލީ އާދަމްގެ އިތުރުން ކުޅުދުއްފުށީ ކޯޓްގެ އިތުރު ދެ ފަނޑިޔާރަކު ތިއްބަވަ އެެވެ.