ކުރިއަށް މިއޮތް ދައުރުގައި ށ މާއުނގޫދޫ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް އެ ރަށުގައި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކު ބަހައްޓައިދޭނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިކަމަށް ވައުދުވެވަޑައިގަތީ ށ. އަތޮޅުގެ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު މާއުނގުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެކެވި ވާހަކަފުޅުގަ އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސްކޫލުގެ އިތުރު ކްލާސްރޫމްތައް އެޅައި އެ ރަށު ރައްޔިތުން އެދުނުފަދަ ޒަމާނީ ފެންވަރުގެ މިސްކިތެއް އަޅާދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުރިއަށް މިއޮތް ދައުރުގައި އިރާދަކުރެއްވިއްޔާ ރައްޔިތުން ތިޔަ އެދުނު ގޮތައް މި ރަށުގެ ބޮޑެތި މަގުތައް ހަދައި މި ރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް މި ރަށުގައި އަންހެނުންގެ ޑޮކްޓަރެއް އަޅުގަނޑުމެން ބަހައްޓަދޭނަން. އަދި ރައްޔިތުން އެދޭ ގޮތައް ޒަމާނީ މިސްކިތެއް އިރާދަކުރެއްވިއްޔާ މި ރަށުގައި އަޅުގަނޑުމެން އަޅާނަން " ރައީސް ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މާއުނގޫދޫގައި ސަރުކާރުގެ މަސައްކަތްތައް ފެށިފައިވީ ނަމަވެސް ބައެއް މަސައްކަތްތަކުގެ ދުވެލި ލަސް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެގޮތުން ރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް އަދިވެސް ނުނިމި އޮތް އޮތުން ހައްލުކޮށްދެއްވާނެކަަމަށް ރައީސް ވިދާޅުވިއެވެ.