twitterviber whatsapp telegramfacebookyoutube instagram
28th April 2024

ދަރިމައިވުމުގެ މައްސަލަތަކަށް ދުރާލައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ

ނަބީލާ އިސްމާޢީލް
Jul 31, 2023

ދަރިމައިވުމުގެ މައްސަލަތަކުގެ ތެރެއިން ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ކަންކަމަކީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން އައިވީއެފް ހެދުމަށް ފޯރުކޮށްދޭ މާލީއެހީއަށް ހޮވިފައިވާ ފަރާތްތަކަށް، އެ އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ސޯލްޓްކެފޭ އެންޑް ރެސްޓޯރެންޓްގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މަސައްކަތް ފާހަގަކުރައްވައި، އެޖަމްއިއްޔާގެ ހިންގުންތެރީންނަށް ހިއްވަރުދެއްވިއެވެ. މީގެ އިތުރުން ޖަމްއިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން އާއްމުން ހޭލުންތެރިކުރުވުމާއި، ހިދުމަތް ދިނުމުގައި ހަރަކާތްތެރިވުމަކީ، ސިޔާސަތުތައް ކަނޑައެޅުމާއި ތަންފީޒް ކުރުމާއި ކަންކަން ރަނގަޅު ކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އުފަންވެނި ސިއްހަތާއި، ދަރިމައިވުމުގެ ސިއްހަތު އަދި ދަރިން ލިބޭ މިންވަރާ، ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ބޯހިމެނުމުގެ ތަފާސް ހިސާބުތައް ފާހަގަކުރައްވައި އެކަމަނާ ވަނީ، މިދިޔަ އަހަރާއި ހަމައަށް އައިރު ކުދިން ހޯދާ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރައްވައިފައެވެ. އެކަމަނާ ވިދާޅުވީ، އެއީ ހާއްސަގޮތެއްގައި ސަމާލުކަންދޭންޖެހޭ މުހިއްމު މައްސަލައެއްކަމުގައި ދެކިގެން ސަރުކާރުން ދަނީ ފާޓިލިޓީ ސަޕޯޓާއި ގުޅޭ ހިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ދަރިމައިވުމުގެ މައްސަލަ ދިމާވާ އާއްމު ސަބަބުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެކަމަނާ ވިދާޅުވީ، ދަރިމައިވުމާއި ގުޅޭ މުޅި މައްސަލައަށް ހައްލެއް ހޯދަން ޖެހޭކަމަށެވެ. އަދި ރަނގަޅުކާނާ ކެއުމާ ކަސްރަތު ކުރުމާ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރާހޭދަ އިތުރުކުރަންޖެހޭ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މިއަދުގެ މިރަސްމިއްޔާތުގައި، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެހީ ލިބުނު 5 ދެމަފިރިއަކަށް އެ އެހީ ހަވާލުކޮށްދެއްވީ، ފަޒްނާ އަހުމަދެވެ. ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އައިވީއެފް ފަންޑް އިފްތިތާހުކޮށްފައި ވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355