twitterviber whatsapp telegramfacebookyoutube instagram
5th May 2024

އިންތިހާބަށް މަދުދުވަސް ކޮޅަކަށްވެފައިވަނިކޮށް ކުޅުދުއްފުށީ ޓާޝިއަރީ ހޮސްޕިޓަލްގެ "ކަޑަ" ޖަހަން ސަރުކާރުން ތައްޔާރުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Aug 1, 2023
4

ރިޔާސީ އިންތިހާބަށް މަދުދުވަސް ކޮޅަކަށްވެފައިވަނިކޮށް ކުޅުދުއްފުށީ ޓާޝިއަރީ ހޮސްޕިޓަލުގެ "ކަޑަ" ޖެހުމަށް ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

ކުޅުދުއްފުށީ ޓާޝިއަރީ ހޮސްޕިޓަލްގެ ވައުދަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަންނަވަން ކުޅުދުއްފުށީ ރައްޔިތުންނަށްވި އެންމެ މުހިންމު ވައުދެވެ. އެކަމަކު މިއަދާ ހަމައަށް އައިރުވެސް އެ މަޝްރޫއުގެ އޮތީ ނުފެށި އެވެ.

މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، ކުޅުދުއްފުށީގައި އަޅަން ނިންމާފައިވާ ޓާޝިއަރީ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން އެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބައެއް ކުންފުނިތަކަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ.

އޮފިސަލް ވިދާޅުވީ، މަސައްކަތް އަވަސްކުރުމުގެ ގޮތުން ޕްރޮޕޯސަން ހުށަހެޅުމަށް ކުންފުނިތަކަށް ދީފައިވަނީ އެންމެ ދިހަ ދުވަސް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެފަދަ މަޝްރޫއަކަށް ބޭނުންވާ ވަރުގެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅިދާނެކަމާ މެދު އޭނާ ސުވާލު އުފެއްދި އެވެ.

މިމަސައްކަތާ ގުޅިގެން ދާދިފަހުން ވަނީ ޗައިނާއަށް ނިސްބަތްވާ ކުންފުންޏެއްގެ ބަޔަކު ކުޅުދުއްފުއްޓަށް ޒިޔާރާތްކޮށް، ހޮސްޕިޓަލް އަޅާ ސަރަހައްދު ބަލައި ގުޅުން ހުރި ބައެއް ފަރާތްތަކާ ބައްދަލުކޮށްފަ އެވެ.

ޓާޝިއަރީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްނުގޮސް އޮވެފައި ރިޔާސީ އިންތިހާބު ބޯމަތިވުމުން ކުއްލިއަކަށް މި މަޝްރޫއު ފަށަން އުޅެނީ ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންވާ ދަތުރުފުޅާ ދިމާކޮށް ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކުރެ އެވެ. ރައީސް މިހާރު އުޅުއްވަނީ ކެމްޕެއިން ދަތުރުފުޅެއްގައި ބޮޑުތިލަދުންމަތީގައި އެވެ. މިއީ އެމަނިކުފާނު މި އިންތިހާބަށް ބޮޑުތިލަދުންމައްޗަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. އެކަމަކު އެއިން އެއްވެސް ފަހަރު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާފައެއް ނުވެ އެވެ.

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތުން ލަސްވަނީ ފަށާނެ އަދި ނިންމާނެ މަޝްރޫއުއެއްވެސް ނެތުމުންނެވެ. އެހެންވުމުން އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ މެދެއްހާ ހިސާބުގަ ޓާޝިއަރީ ހޮސްޕިޓަލްގެ އާ އިމާރާތާއެކު ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އޯގަސްޓްމަހު ކުޅުދުއްފުށީ މަގުތަކުގައި ތާރުއަޅަންވެސް ފަށާނެ އެވެ.

މިދިޔަ އަހަރު ކުރީކޮޅު އެންމެ ލަސްވެގެން އެ ހޮސްޕިޓަލުގެ އަމަލީ މަސަކަތް ފެށޭނެ ކަމުގެ ކުލަނުވާ ފޮޓޯއެއްވެސް ސޯލިހު ދެއްކެވި އެވެ. އަދި ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށް ރައީސް ވިދާޅުވެފައިވަނީ ޓާޝިއަރީ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ.

ދިޔަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންވެސް ރައީސް ވިދާޅުވީ، ކުޅުދުއްފުށީ 100 އެނދުގެ ހޮސްޕިޓާތަކުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ ކަމަށެވެ. އަދި 2020 ވަނަ އަހަރު ޓާޝިއަރީ ހޮސްޕިޓާ އިމާރާތްކުރާނެ ބަޔަކު ހޯދަން އިއުލާންވެސް ކުރި އެވެ. އެހެންނަމަވެސް ފަހުން އެކަމުގެ ޙަބަރެއް ނެތެވެ.

ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓާ އިމާރާތްކުރަން ނިންމާފައިވަނީ ކުވެއިތު ފަންޑުގެ އެހީގައި އެވެ. ކުޅުދުއްފުށީގައި އިމާރާތްކުރަނީ ފުލްފުލެޖްގެ ހޮސްޕިޓަލުގެ ބިންގާވެސް މިއަދާ ހަމައަށް އެޅިފައި ނެތުމަކީ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355