ރިޔާސީ އިންތިހާބާއި ގުޅިގެން ހިންގާ އިންތިހާބީ ރިޝްވަތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕޯޓަލްއެއް ގާއިމްކޮށްފި އެވެ.
އޭސީސީއިން މިހާރު އާންމުކޮށްފައިވާ މި ޕޯޓަލްގައި އިންތިހާބީ ރިޝްވަތަކީ ކޮބާކަމާއި އެއަށް ސަމާލުވާނެ ގޮތް ހިމަނައިގެން ތައްޔާރުކޮށްފައިވާ ލީފްލެޓެއް ވެސް ފެންނާނެ އެވެ. މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތް ސިއްރުވާނެހެން މައްސަލަތައް ހުށަހެޅޭނެ އެވެ.
އޭސީސީން ބުނާ ގޮތުގައި, ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައްސަލަތަކުގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާއިރު, ދެވެން އޮތް އެންމެ ގިނަ މައުލޫމާތު ހުށަހަޅަން އޭސީސީން އިލްތިމާސްކުރާއިރު, ފޯމުގައި ކޮންމެހެން ހިމަނަންޖެހޭ މައުލޫމާތުތައް ނުހިމަނާ ނަމަ ފޯމު ބަލައި ނުގަންނާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އޭސީސީ ބުނީ އެ ކޮމިޝަނުގެ އިހްތިސޯސަށް ނުފެތޭ ބާވަތުގެ މައްސަލަތައް ޕޯޓަލް މެދުވެރިކޮށް ހުށަހެޅިއަސް ބަލައިނުގަންނާނެ ކަމަށެވެ.
ރިޝްވަތުގެ މައްސަލަތައް ހުށަހަޅަން އޭސީސީން ވަކި ޕޯޓަލެއް ގާއިމްކޮށްފައިވާއިރު, އެ ކޮމިޝަނުން ވަނީ އިންތިހާބުތަކާ ގުޅޭ ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް އިރުޝާދުނާމާ އެއް ވެސް ނެރެފަ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9، ގައި އޮންނައިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެ ވަރަށް ވޯޓު ނުލިބޭނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއްގެ ވޯޓު ލުން ބާއްވަން ޖެހެ އެވެ.
ޖުމްލަ 604 ވޯޓުފޮށި ބަހައްޓަ އެވެ. އެއީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 187 ފޮއްޓާއި، އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 78 ފޮށި، ރާއްޖެއިން ބޭރުގައި 13 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަތް ފޮއްޓެވެ. އަދި 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދީފައިވެ އެވެ.