twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އީކޯ ޓޫރިޒަމް ހިންގޭ ރަށަކަށް ކޭލަކުނު ހަދާނަން: މުއިއްޒު

ނަބީލާ އިސްމާޢީލް
Aug 13, 2023
2

އިކޯ ޓޫރިޒަމްގެ ހާއްސަ މަޝްރޫއުއެއް ހިންގޭ ރަށަކަށް ހދ ކޭލަކުނު ހަދާ އެ ރަށުން ލިބޭ އިގުތިސޯދީ ފައިދާ ހދ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ހޯދައިދޭނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިންނަށް ކުޅުދުއްފުއްޓަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ހދ އަތޮޅުގައި އޮތް ނޭކުރަންދޫގެ ކުޅި އާއި ގުދުރަތީ ރީތިކަން ނުގެއްލޭނެހެން އެތަކެތި ހިމާޔަތްކޮށްގެން މި އަތޮޅުގެ ރައްޔިތުންނަށް ފައިދާ ވާނެތަކަނަކަށް އެތަން ހަދާނެ ކަމަށެވެ.

"މިތާ ކައިރީގައި ކޭލަކުނު އެބައޮތް މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އިގުތިސޯދީގޮތުން ފައިދާވާ ތަނަކަށް އެތަނުގެ، އެތަނުގަ ހުރި ނެޗުރަލް ބިއުޓީ އެތަނުގެ މެންގުރޫވްސްއަށް ގެއްލުން ނުވާ ގޮތަށް އެތަކެތި ހިމާޔަތްކޮށްގެން އެ ރަށަކީ މި އަތޮޅަށް އިގުތިސޯދީގޮތުން ފައިދާވާ އިކޯ ޓޫރިޒަމްގެ ހާއްސަ މަޝްރޫއުއެއް ހިންގޭ ރަށަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން." މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ޓޫރިޒަމް ނެތް މި ހދ އަތޮޅުގައި ޓޫރިޒަމް ގެނެސްދީ މި އަތޮޅަށް ބޭނުންވާ އެނދުތައް ގެނެސްދޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށެވެ.

"ރިސޯޓް ހިންގުން ކޮންމެސް ގޮތަކުން މި އަތޮޅަށް މިވަނީ ނުވެފަ އޮތް ކަމަކަށް ވެފައި، އެކަން އެބަޖެހެއެއްނުންތޯ ނިންމަން، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން އަޅުގަނޑުމެންނަށް އެ ފުރުސަތު ހޯދައިދީފިއްޔާ ހާސިލުކޮށްދޭނަން، މި ސިޓީއަށް ބޭނުންވާ އެނދުތައް، ޓޫރިޒަމް އިރާދަކުރެއްވިއްޔާ މި އަތޮޅަށް ގެނެސްދޭނަން." އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ރައްޔިތުން އޭނާއަށް އިތުބާރުކޮށް ފުރުސަތު ދީފިނަމަ އެ ސިޓީގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ ކަންކަން ބައްޓަންކޮށްދެއްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އޭނާގެ ވެރިކަމެއްގައި މި ސިޓީގެ ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައި، ހަނި ގޯޅިތައް ގައު އަތުރައިގެން ތަރައްގީކުރާނެކަމަށް މުއިއްޒު ވައުދުވެވަަޑައިގެންނެވިއެވެ.

މި ހުރިހާ ކަންކަމަކަށް ފައިސާ ހޯދާނެ ގޮތަކާމެދު ސުވާލު އުފައްދަވާކަމަށާއި ނަމަވެސް، ފައިސާ ހޯދާ ވަހަކަ ދައްކާއިރުގައި އެ ވާހަކަ ދައްކާ ބޭފުޅުން ވަނީ މި ގައުމު އަނދަވަޅަކަށް ވައްޓައިލައިފައިކަމަށް މުއިއްޒު ތުހުމަތު ކުރެއްވިއެވެ. ސަރުކާރުގައި 100 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށާއި އެ ދަރަނި ރީސްޓްރަކްޗާކޮށް ދެއްކޭނެ ގޮތް އޭނާގެ ސަރުކާރެއްގައި ހޯދާނެކަމަށް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355