ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޝުޕަމެޖޯރިޓީ އާއި ރައްޔިތުން މަޖިލީހުގެ ދެ ގޮނޑި އެމްޑީޕީއަށް ދިނުމުންވެސް އެރަށަށް ސަރުކާރުންވީ އިހުމާލުކަމަށާއި އެކަން ހިތަކުން ފިލައިގެން ނުދާނެކަމަށް ކުޅުދުއްފުށީ ޕީޕީއެމް ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު އަހުމަދު (ޖިހާދޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ކުޅުދުއްފުއްޓަށް ވަޑައިގެން ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޖިހާދޭ ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެ ގޮނޑި އާއި ސިޓީ ކައުންސިލްގެ 7 ގޮނޑި އެމްޑީޕީއަށް ރައްޔިތުން ދިނުމުންވެސް ސަރުކާރުން މިރަށަށްވީ އިހުމާލުކަމަށެވެ.
"އެކަން އަޅުގަނޑުމެން ހިތަކުން ފިލައިގެން ނުދާނެ." ޖިހާދޭ ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސައިދޭނެކަމަށް ބުނެ އައި ސަރުކާރުން މިދިޔައީ މިރަށުގެ ރައްޔިތުންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހާފަ ކަމަށެވެ. ސަރުކާރު ފެއިލްވެެއްޖެކަމަށާއި މި ބޮޑު އާބާދީއަށް އިހުމާލުވެއްޖެކަމަށް ޖިހާދޭ ވިދާޅުވި އެވެ.
އިންތިހާބަށް ކުޑަދުވަސްކޮޅަކަށްވެފައިވާއިރު އެންމެ މަގެއްގައިވެސް ތާރު އެޅިފައިނުވާކަން ފާހަގަކުރައްވާ ވިދާޅުވީ، އެކަމަކު އިންތިހާބަށް ކަޑަ ޖެހުމުގެ ގޮތުން މަގެއްގައި ތާރު އަޅަން ސަރުކާރުން އުޅޭކަމަށާއި އެކަން ރައްޔިތުން ބަލައި ނުގަންނާނެ ކަމަށެވެ.
"ޓާޝިއަރީ ހޮސްޕިޓަލުގެ ވައުދަކީ މިރަށަށް ވެފައިވާ އެންމެ ބޮޑު އެއް ވައުދު. ނުފެނުނު. ލޮލަކަށް ނުފެނުނު."
ސަރުކާރުން ތިލަދުންމަތީގެ ރައްޔިތުންނަށްވީ އެންމެ ބޮޑު ވައުދަކީ ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝިއަރީ ފެންވަރަށް ތަރައްގީކުރާނެ ވައުދުކަމުގައިވިޔަސް އެކަންވެފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. ސަރަހައްދީ ބަނދަރު ތަރައްގީ ކުރުމަކީވެސް ސަރުކާރުގެ ވައުދެއްކަމަށާއި އެކަންވެސް ފުއްދިފައިނުވާކަން ޖިހާދޭ ވިދާޅުވި އެވެ.
މިސަރުކާރުން ކުޅުދުއްފުއްޓަށް އެކަށީގެންވާ ތަރައްގީ ގެނެސްދީފައިނުވާތީ ދާދިފަހުން ސިޓީ ކައުންސިލްގެ 7 މެމްބަރުންނާއި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލްލަތީފް ވަނީ އެމްޑީޕީ ވަކިވެ ޑިމޮކްރެޓިކްސްއާ ގުޅިފަ އެވެ