ތެލެސީމިއާ ކުދިންނަށް ދެމެހެއްޓެނިވި ގޮތެއްގައި، ހިލޭ ބޯންމެރޯ ހެދޭނެ ގޮތް ހަމަަޖައްސައިދޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ. މި ރަށުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ސިއްހީ ނިޒާމުގެ ތެރެއިން ރަނގަޅުކުރަން ޖެހޭ ކަންކަމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.
ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވާ ކެމްޕެއިން ދަތުރުގައި އިއްޔެ ހއ އުތީމަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތެލެސީމިއާ ކުދިން ގިނައިރު، އެ ކުދިންގެ ފަރުވާއަށް ވެސް ހަރުދަނާ ގޮތްތަކެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އުތީމަށް މުއިއްޒު ވަަަަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެ ރަށުގައި ހުރި ހަމައެކަނި ތެލެސީމިއާ ކުއްޖާގެ ބޯންމެރޯ ހަދައިދިނުމަށް އެދިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒަކާތު ފަންޑުން އެހީ ދީގެން ބޯންމެރޯ ހެދޭނެ ގޮތް ހަމަޖެއްސި އެވެ. ނަމަވެސް، ފަހުން އެކަށީގެންވާ ގޮތެއްގައި އެކަން ކުރިއަކަށް ނުދިޔަ އެވެ. ޒަކާތު ފަންޑުން އޭރުގައި ގިނަ ކުދިންތަކެއްގެ ބޯންމެރޯ ހަދައިދިން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ބޯންމެރޯ ހެދުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ނިޒާމުގެ ތެރެއިން ކުރެވެން ޖެހޭ ކަމެއް ކަމަށެެވެ. އެ ކަން އޭނާގެ ސަރުކާރެއްގައި ނިޒާމުގެ ތެރެއިން ހިލޭ ކުރެވޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އުތީމަށްވެސް މުއިއްޒު ގިނަ ވައުދުތަކެއްވި އެވެ. އެގޮތުން ބަނދަރު ބޮޑުކޮށް، އިތުރަށް ތަރައްގީކޮށްދޭނެކަމަށް ވިދާޅުވިއެވެ. ބަންޑާރައިންގެ މިސްކިތް، މަރާމާތުކޮށް ރަނގަޅު ފެންވަރަކަށް ހަދާނެކަމަށާއި ރަށް ގިރުމުގެ މައްސަލައާއި ގެދޮރުގެ މައްސަލަ ހައްލުކުރައްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އޭޓީއެމް ބަހައްޓައި ބޮޑެތި މަގުތައް ވެސް ހަދައިދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި ރަށަކީ ގިނަ ބަޔަކު ޒިޔާރާތް ކުރާ ރަށަކަށް ވާތީ، މި ރަށުގައި ޒަމާނީ ރަށްވެހިގެއެއް ބިނާކުރުމަކީ މުއިއްޒުގެ ސަރުކާރެއްގައި ކުރާނެކަމެއް ކަމަށް ވިދާޅުވިއެވެ.
"މި ރަށުގެ ގަނޑުވަރު ސަރަހައްދު ތަރައްގީކުރުމާ، ހަނދާނީ މަރުކަޒު ތަރައްގީކުރުމުގެ ހުރިހާކަމަކަށް ސަމާލުކަން ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.