twitterviber whatsapp telegramfacebookyoutube instagram
5th May 2024

ރައްޔިތުންގެ އިތުބާރު ހޯދާނެ އެއްވެސް ގޮތެއް ނެތް މިންވަރަށް ކުޅުދުއްފުށީގެ ޖައްވު ނުސާފުވެއްޖެއެވެ!

Aug 16, 2023
2

ކުޅުދުއްފުށީގެ ތާރީޚަކީ، ކިލައެއް މިލައެއް ނެތް ފަޚުހުވެރި ތާރީޚެކެވެ. ބޮޑު މުޙައްމަދު ކަލޭފާނު، ރަށު ރައްޔިތުންގެ ކާޑުފޮށި ހިމާޔަތްކުރި ގޮތުން ފެށިގެންގޮސް ޝަހީދު ހުސައިން އާދަމް 3 ނޮވެމްބަރުގައި ދެއްކި ހިތްވަރާއި ކެރުމަށް ބެލިކަމުގައިވިޔަސްމެއެވެ. އާބާދީގެ ނިސްބަތުން ތަޢުލީމީ މީހުން މަދުކަމުގައިވިޔަސް، ކުޅުދުއްފުށްޓަކީ ހުނަރުން ފުރިފައި އޮތް ފަސްގަނޑެކެވެ.

ހިއަރިންޖަހަން ވިޔަސް، ކިއްސަރުލާންވިޔަސް އޭގެ ދެވަނައެއް ނެތްހާ ފާޑުވެރީންނެވެ. ކުރާ ކަމެއް ކުރާނީ ނުހަނު ޝައުގުވެރިކަމާއެކު އެކަމެއް ކުރެވެން އޮންނަ އެންމެ ފުރިހަމައަކަށެވެ. އެހާމެ ހިތްހެޔޮ ރައްޔިތެކެވެ. ރަށުން ބޭރު މީހެއް، ކުޅުދުއްފުށި މީހުންނާމެދު ނުގޮތަކަށް ބަހެއް ބުނާއަޑެއް މިއަދާ ޖެހެންދެންވެސް ނާހަމެވެ. އަދި ފަހުގެ ކުޅުދުއްފުށްޓަކީ، އެތައް ރޮގަކުން ފާހަގަކޮށްލެވޭ ތައުލީމީ އެތައް ދަރިންނެއް އެރަށަކަށް ނިސްބަތްވާ އުތުރުގެ ހިތެވެ.

މި ހުރިހާ ކަމަކާއެކުވެސް، ރަށު މީހުންނަށް އިހްސާސްވި ހުސްކަމެއް އޮތެވެ. އިސް ސަފެއްގައި ފަސްނުޖެހި ބަސް ބުނާނެ ރަށު ދަރީން ވެރީންނަށް ނުވެ އޮތް ފަޅުކަމެވެ. ކުޅުދުއްފުށްޓަށްވުރެ މާ ކުދި ރަށްރަށުގެ ރައްޔިތުން އިސް މަގާމުގަތުގައި ބަސްބުނާތީ، ލަސްވެފައިވާ ހުސްކަމެކެވެ. ދާދި ފަހަކުން، އެއްރޫޙެއްގައި ނުކުމެ މި ހުސްކަންވެސް ބަދަލުކޮށްލެވޭތޯ ކުޅުދުއްފުށީ ރައްޔިތުން މަސައްކަތް ކުރިއެވެ. ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ދެ ގޮނޑީގައިވެސް ކުޅުދުއްފުށީގެ ދެ ދަރިން ބޭންދިއެވެ. ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާއިރު، ޤައުމުގެ އިސްސަފުގައި ފައި ހަރުކޮށްލުމަށް ފުރަތަމަ އަރާ ހަރުފަތަކީ މަޖިލީހުގެ ގޮނޑިއަށްވުމުން، މި ނިންމުނު ނިންމުމާއެކު ރައްޔިތުން ތިބީ ވަރަށް ބޮޑު އުއްމީދެއްގައެވެ. ސިޔާސީ ދާއިރާގައިވެސް ކުޅުދުއްފުށި ވިދާލާނެކަމުގެ ފުރިހަމަ ޔަގީންކަމާއެކުގައެވެ. ބޮޑު މުޙައްމަދު ކަލޭފާނެ ދެއްކި އިޙްލާޞްތެރިކަމުގެ ނަމޫނާއިން މިސާލުނަގައި، އެ ފިޔަވަޅު މަތީ ކުރިއަށްދާނެކަމުގެ ފޮނި ހުވަފެނާއެކުގައެވެ.

މިއަދުމީ އަނެއްކާވެސް އާ ދުވަހެކެވެ. ބުނެވިދިޔަ ދުވަސްވެސް މާޒީއާއެކުވެގެން ހިނގައްޖެއެވެ. ވީ ކަމެއް ވެ ނިމިއްޖެއެވެ. ކަންވީގޮތެއް އެނގޭ މީހަކު ނެތެވެ. އެނގޭ ކަމަކީ، ރަށްގޮވާއަޑުގެ ގަދަކަމާއެކު ރަށްގޮނޑުވިކަމެވެ. ސިޔާސީ ދާއިރާ ޚިޔާރުކޮށް ރަށަށާއި ޤައުމުގެ ލާބައަށް އިޚްލާސްތެރި މަސައްކަތް ކުރުމުގެ އުއްމީދުގައި އެކަކުވެސް ހުރިނަމަ، އެމީހަކު ރައްޔިތުންގެ އިތުބާރު ހޯދާނެ އެއްވެސް ގޮތެއް ނެތް މިންވަރަށް ކުޅުދުއްފުށީގެ ޖައްވު ނުސާފުވެއްޖެއެވެ.

ކުޅުދުއްފުށީގެ އަގަކީ ކޮބައިތޯއެވެ؟ ރައްޔިތުންނަށް ލިބުނު އަގަކީ، ބަދުނާމެވެ. ސުވާލަކީ ވަކި ބަޔަކު ކުޅަކަމަކުން ރަށަށް ލިބުނު ބަދުނާމުން ސަލާމަތްވާ އަހަރެމެން ދެން ދާންއޮތް މަގަކީ ކޮބައިތޯއެވެ؟ ކުޅުދުއްފުށީން، ރަށަށާއި ޤައުމަށް ހެޔޮއެދޭ އިޙްލާސްތެރި ދަރިން ހުސްނުވާނެކަން ޔަގީނެވެ. މިއީ ރާއްޖޭގެ ފަހުގެ ތާރީޚުން ސާބިތުވާންހުރި އެތައް ނަޞްރެއްގެ ހައްޤުވެރި ދަރީން އުފަންވި ކުޅުދުއްފުށްޓެވެ. ދެތިން މީހަކުވެގެން، މި ނަން ކިލަނބުކޮށްލުމުގެ ފުރުސަތު ނުދެމާ ހިނގާށެވެ. ގޯހަށް ނޫނެކޭ ބުނާށެވެ. ސިޔާސީ ކޮންމެ ފިކުރަކަށް ނިސްބަތްވި ނަމަވެސް، ސިޔާސީ ހިންތަހަދާ ދޮގުވެރިންގެ ކިބައިން ސަލާމަތްވުމަށް އެކައްޗެއް ކިޔަމާ ހިނގާށެވެ. ރަށުގެ ސިޔާސީ ކުރިމަގަށްޓަކައި، އެއްހަރުން ދެ ފަހަރަށް ކަށި ޖެހިޔަ ނުދެމާ ހިނގާށެވެ. ވާދޫ ކަނޑަށް ގަހާތަރި އޮއްސުނަ ނުދެމާ ހިނގާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355