ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް ޑިސެމްބަރު މަހަށް ބަދަލު ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭންދަތުރުގައި ދ ކުޑަހުވަދުއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ކަންކަން ކުރަނީ އެއްވެސް ގޮތަކަށް ރައްޔިތުންގެ އިހުސާސްތަކަށް ނުވިސްނާކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ވެސް މި ސަރުކާރުން ނުބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްކޫލްތަކުގެ ބޮޑުޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަކީ ވެސް އެ ގޮތަށް ކޮށްފައިވާ ކަމެއްކަން އޭނާ ފާހަގަަކުރެއްވިއެވެ.
ބޮޑު ޗުއްޓީ ޖުލައި މަހުގެ ތެރެއަށް ބަދަލުކުރުމުން ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސް ދުވަސްތަކާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެ ބަދަލުގެ ސަބަބުން ބޮޑުބަންދުގެ ބޭނުމެއް ނުހިފޭ. ދަތުރުފަތުރެއް ނުކުރެވޭ. ބޭނުމެއް ނުކުރެވޭ،" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ދުވަސްވަރާ މިނިވަން ދުވަހާ ދިމާވުމުން، ސްކޫލްތަކުން މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުން މާލޭގައި މަޑުކުރަން ޖެހުމަކީ ވެސް ގިނަބައެއްގެ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ
"ވަރަށް ގިނަ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް ތަކުރާރުކޮށް ސަރުކާރަށް އަންނަނީ ފާޅުކުރަމުން،" މުއިއްޒު ވިދާޅުވިއެވެ.
ރައްޔިތުންގެ ވޯޓުން ސަރުކާރެއް ހޮވާ އިރު، ރައްޔިތުންނަށް ފަސޭހަ ނިންމުންތައް ނިންމަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން 2019 ގައި ވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޓީޗަރުންނަށް ސްކޫލްތައް ބަންދުކޮށް ދަރިވަރުންނާއި ޓީޗަރުންނަށް ބޮޑު ޗުއްޓީ ލިބޭ ދުވަސް ވަރު ޖޫން މަހާއި ޖުލައި މަހަށް ބަދަލުކޮށްފައެވެ. އެ ބަދަލާ ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުން ވެސް އޮތެވެ.
އެހެންވެ، އެ ބަދަލު ގެނައުމުގެ ވިސްނުން ހުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ނަމަވެސް މުއިއްޒު ވިދާޅުވީ އެ ނިންމުން ބަދަލު ކުރަން ވަގުތު ނަގާނެ ކަމަށެވެ. އަދި އެންމެ އަވަހަށް ވެސް ޖެނުއަރީ 2025 ގައި އެ ބަދަލު ގެނައުމަކީ އޭނާގެ ސިޔާސަތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ޑިސެމްބަރަށް އަނބުރާ ގެނައުމަށް ވަގުތު ބޭނުން ވާނެ. އެ ރޯލްވަމުން ގޮސް ދިރާސީ އާ އަހަރު ފެށޭ ދުވަސް ދެން ބަދަލު ކުރެވޭނީ 2025 ގެ ޖެނުއަރީގައި،" މުއިއްޒު ވިދާޅުވިއެވެ.