ރާއްޖޭގައި އެއާ އެމްބިއުލާންސް ތައާރަފްކޮށް، ދަރިމައިވުމުގެ މައްސަލަތަކުގެ ހައްލު ކަމަށްވާ އައިވީއެފްގެ ހިދުމަތް އާސަންދައިގެ ތެރެއިން ކަވަރު ކުރެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުޑަހުވަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް ހެޔޮ ބަދަލު ގެނެސް ދެއްވުމަށް ރައީސް ޔާމީން ފެއްޓެވި މަސައްކަތް މިސަރުކާރު އައިފަހުން އޮތީ ވަޅު ޖެހިފައިކަމަށެވެ. ސިއްހީ އަވަސް ފަރުވާ ދެވޭނެ އިންތިޒާމުތަކާއި، ރާއްޖެއިން މިހާރު ކޮންމެހެން ލިބެންޖެހޭ ބޭސްފަރުވާ ލިބެން ނެތުމަކީ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.
މީގެ ތެރެއިންވެސް މުއިއްޒު ވަނީ ސިއްހީ އަވަސް ފަރުވާ ދިނުމަށް އެއްރަށުން އަނެއް ރަށަށް މީހުން އުފުލަށް ރައީސް ޔާމީން ތައާރަފް ކުރެއްވި ސީ އެމްބިއުލާންސްގެ ހިދުމަތް މިސަރުކާރުން ވެރިކަމަށް އައިސް އެންމެ އެދެވޭ ގޮތުގައި ނުދެވޭކަން ފާހަގަ ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ މިހިދުމަތް އިތުރަށް ފުޅާ ކުރުމަށް ވެރިކަމާއި ހަވާލު ވުމަށްފަހު އެއާ އެމްބިއުލާންސެއް ތައާރަފްކޮށް ހިދުމަތް ދޭން ފައްޓަވާނެކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ ހިދުމަތް ދޭނީ ސީޕްލޭނެއް މެދުވެރިކޮށެވެ. އެ ސީޕްލޭންއަކީ ފުލީ އިކުއިޕައިޑް އެއާ އެމްބިއުލާންސްއަކަށް ބަދަލު ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. ބަލި މީހުން އެ ތަނުން އަނެއް ތަނަށް އުފުލާނަން." މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެއް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އެ ހޮސްޕިޓަލް ކަމުނުގޮސްގެން އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރާ އިރު، ފީއެއް ނަގަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންވެ، ހޮސްޕިޓަލް ބަދަލު ކުރަން ޖެހޭ ހާލަތުގައި ކުރަން ޖެހޭ ހަރަދު ވެސް އާސަންދައިގެ ތެރެއިން ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަ އަށް ހައްލު ހޯދުމަށް އައިވީއެފްގެ ހިދުމަތް ހޯދުމަށް އާންމު ރައްޔިތުންގެ އަތުން ދާ ހަރަދުތަކަށް ނިމުން ގެނައުމަށް އެހިދުމަތަކީ އާސަންދަ ތެރެއިން ފޯރުކޮށްދެވޭ ހިދުމަތަކަށް ހަދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުޅި ރާއްޖެ ތަރައްގީ ކުރުމަށް ރައީސް ޔާމީން ފެއްޓެވި މަސައްކަތްޕުޅަށް އިންގިލާބީ ބަދަލު އެމަނިކުފާނުގެ އިރުޝާދާއިއެކު ގެނެސްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.