twitterviber whatsapp telegramfacebookyoutube instagram
19th May 2024

ދިރާގު ރޯޑް ރޭހަށް ރެޖިސްޓާވުމަށް ހުޅުވާލައިފި

Aug 21, 2023

މި އަހަރުގެ ދިރާގު ރޯޑް ރޭހަށް ރެޖިސްޓާވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ދިރާގު ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުން ބުނީ ރޯޑް ރޭސްގައި، އެހެން އަހަރުތަކާ ހިލާފަށް މުޅިން އާ ރޫޓެއް އޮންނާނެ ކަމަށެވެ. މި ރޫޓަކީ ވޯލްޑް އެތްލެޓިކްސް ސާޓިފައިޑް ރޫޓެކެވެ. މީގެ އިތުރަށް އާންމު ގޮތެއްގައި 10ކޭ އަދި 5ކޭ އޮންނަ އިރު މި އަހަރު މުޅީން އަލަށް ހާފް މެރެތަން ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިރާގު ރޯޑްރޭސް ޓީމުގެ އޮފިޝަލެއް ކަމަށްވާ ބިޝާރާ ހަމީދު ވިދާޅުވީ، ދިރާގު ރޯޑް ރޭހަކީ އިޖުތިމާއީ މުހިންމު ޝިއާރުތަކަށް ހާއްސަކޮށް ބާއްވާ ރޭހެކެވެ. އެގޮތުން މި އަހަރުގެ ޝިއާރަކީ ވެސް އެހެން އަހަރު ތަކެކޭ އެެއްފަދައިން، ކުޑަކުދިން ހިމާޔަތް ކުރުން އަދި ރައްކާތެރި ކުރުމެވެ.

މި ޝިއާރާ ގުޅޭ 12 އެންޖީއޯއެއް މި ރޭހުގައި ބައިވެރިވާނެއެވެ. އެގޮތުން ބައިވެރިވާ އެންޖީއޯ ތަކަކީ، އާކް، ބީވީއައިއެސްއެމް، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް، ކެއާ ސޮސައިޓީ، ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ، ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސްއެބިލިޓީސް، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވިއަން ތެލްސީމިއާ ސޮސައިޓީ، މަމްސް އެއިޑް އަދި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން ގެ އިތުރުން ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއެވެ.

އެންޖީއޯތައް ނޮމިނޭޓް ކުރުމުގެ ފުރުސަތު ވެސް ރޭހުގައި ރެޖިސްޓާވާއިރު، ބައިވެރިންނަށް ލިބިގެން ދާނެ ކަމަށް ވެސް ބިޝާރާ ވިދާޅުވިއެވެ. އަދި، މިގޮތަށް އެންމެ ގިނައިން ނޮމިނޭޓު ކުރާ އެންޖީއޯތަކަށް ފައިސާގެ އެހީތެރިކަން ދޭނެ ކަމަށް ވެސް ޑީއެމްއާރްއާރުގެ ޓީމުން ވަނީ ބުނެފައެވެ.

އަދި، މީގެ އިތުރުން ކޮންމެ ރެޖިސްޓްރޭޝަން އަކަށް ލިބިގެން ދާ ފައިސާ އަކާއި ކޮންމެ ރީތި ބިބް ނަންބަރެއްގެ ފައިސާ ވެސް ބައިވެރިވާ އެންޖީއޯ ތަކުގެ މެދުގައި ބެހިގެން ދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ރޭސް ތިން ގަޑިއަކަށް ބެހިގެން ދާނެއެވެ. އެއީ، ފަތިހު 3:30 ގައި ހާފް މެރެތަން، ފަތިހު 5:30 ގައި 10ކޭ އަދި، ހަވީރު 4:30 ގައި 5ކޭ އެވެ. ދިރާގު ރޯޑް ރޭސް ފެށިގެން ދާނީ ހުޅުމާލެ ސެންޓްރަލް ޕާކާ ހަމައިންނެވެ. ޓެން ކޭ އަދި ފައިވް ކޭ ގެ ރޫޓު ދާދި އެއްގޮތަކަށް އޮންނަ އިރު ހާފް މެރެތަން ގެ ރޫޓު އެ ރޫޓާއި ކޮންމެ ވެސް ވަރަކަށް ތަފާތު ވާނެއެވެ. މި ކޮންމެ ރޫޓެއްގައި ވެސް ހަތަރު ހައިޑްރޭޝަން ސެންޓަރު ހުންނާނެއެވެ.

މި ރޭހުގައި ރަސްމީކޮށް ބައިވެރިވެވޭނެ އެންމެ ހަގު އުމުރަކީ ހަތް އަހަރެވެ. 5ކޭ ގައި ބައިވެރިވާނަމަ އެ މީހަކީ އުމުރުން 16 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެއެވެ. 10ކޭ އަދި ހާފް މެރެތަންގައި ބާއިވެރިވާނަމަ އެ މީހަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާން ޖެހޭނެއެވެ.

ދިރާގުގެ އެސިސްޓެންޓު މާކެޓިން މެނޭޖަރު ހަސަން ޝާރިހު އާދަމް ވަނީ ރޯޑް ރޭހުގައި ބައިވެރިވާ ބޭބޭފުޅުން ރޭހުގައި ބާއިވެރިވާއިރު، ކުރިއަށް މިއޮތް ދެ މަސް ދުވަސްތެރޭ ދުވުމަށް ރެޑީވެ ފިޓް ވެގެން އައުމަށް އިލްތިމާސް ކޮށްފައެވެ.

މި އަހަރުގެ އިނާމުތަކަށް ވެސް ވަނީ ބޮޑު އަދަދު ތަކެއް ކަނޑައަޅާފައެވެ. އަދި، ވަކިން އަލަށް ތައާރަފު ކުރެވުނު ހާފް މެރެތަންގެ ޕްރައިޒްތައް ވެގެން ދާނީ ވަރަށް އެޓްރެކްޓިވް ޕްރައިޒް ތަކެއް ކަމުގައި ވެސް މި ޕްރެސްގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355