twitterviber whatsapp telegramfacebookyoutube instagram
5th October 2026

ނަލަންދުއާއި، މެދަފުށި ރިސޯޓު ހެދުމަށް ބީލަމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Aug 22, 2023

ހއ މެދަފުއްޓާއި ށ ނަލަންދޫގައި ރިސޯޓު އަޅަން ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ސަރުކާރުން އިއުލާނެއްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެ ދެރަށް ބީލަމަށް ހުޅުވާލީ އަންނަ ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހާ ހަމައަށެވެ. އޭގެ ކުރިން، ބީލަން ފޮތް ގަނެ، މައުލޫމާތު ސާފު ކުރަންޖެހެ އެވެ.

ސަރުކާރުން ނެރުނު އިއުލާނުގައި ބުނެފައިވަނީ ގާތްގަނޑަކަށް 12 ހެކްޓަރުގެ ބޮޑުމިން ހުންނަ މެދަފުށީގައި މަދުވެގެން 120 ކޮޓަރި އަޅަންޖެހެ އެވެ. އަދި 63 ހެކްޓަރުގެ ބޮޑުމިން ހުންނަ ނަލަންދޫގައި މަދުވެގެން 200 ކޮޓަރި އަޅަންޖެހެ އެވެ.

މެދަފުށީގައި ރިސޯޓެއް އަޅަން މީގެ ކުރިން 2007 ވަނަ އަހަރު 2017 ވަނަ އަހަރު ވެސް މަސައްކަތް ކުރި އެވެ. ނަލަންދޫއަކީ ކުރިން ހުއިފިލަނޑާ ދިރުވައި، އާލާ ކުރަން ބަޔަކަށް ދީފައި އޮތް ރަށެކެވެ. އޭގެ ފަހުން އެ ރަށުގައި ވެސް ރިސޯޓު ހަދަން އުޅުނެވެ. އެކަމަކު، މަސައްކަތް އޮތީ ހުއްޓިފަ އެވެ.

އެ ދެ ރަށުގައި ރިސޯޓު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މި ދެ ރަށް ބީލަމަށް ހުޅުވާލުމުގެ މައިގަނޑު މަގުސަދަކީ، ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވައި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއާޕޯޓު ފީސިބަލް ކުރުމަށްޓަކައި އެ ސަރަޙައްދުގައި ހިންގާ އިގުތިސާދީ ހަރަކާތްތައް އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ގާއިމްކުރުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293