ގައުމުގެ ހައްގުގައި ކޮށްދެވުނު ކަމެއް މިއަދު ނެތް ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ދެ ޕާޓީން މުހާތަބުކުރަނީ ހުތުރު ވަނަންތަކުން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން ޖުމްހޫރީ ޕާޓީން ރޭ ނ. މަނަދޫގައި ބޭއްވި ޖަލްސާގަައި ވާހަކަ ދައްކަވަން ފެށްޓަވަމުން ވަހީދު ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ބައެއް ބޭފުޅުން ގަބޫލުނުކުރައްވައިފާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައްކަވާ ވާހަކަފުޅު ގަބޫލުނުކުރާ މީހުން ނުކުރާ ސަބަބަކީ އެ ވާހަކަފުޅު ދައްކަވަނީ އެމަނިކުފާނު ކަމަށް ވާތީ އެވެ.
"އަޅުގަނޑު ދައްކާ ވާހަކަ ބައެއް ބޭފުޅުން ގަބޫލުނުކުރެއްވުމަކީ އެކަށީގެންވާ ކަމެއް. އެއީ އަޅުގަނޑުވީމާ. މިހާރު އަޅުގަނޑަަށް އެކި ނަންނަން ކިޔާކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ދިވެހިރާއްޖޭގައި އޮތް ބޮޑު ދެ ސިޔާސީ ޕާޓީގެ ފަރާތުން. އެއް ޕާޓީން އަޅުގަނޑަށް ކަޅު ކާޅު. އަނެއް ޕާޓީން ބާޒު، މިކަހަލަ ނަންނަން ކިޔަމުން އެ ގެންދަނީ،" ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ބަދަލުވުމުން ކަންތައް ވީ ގޮތުގެ ހަނދާން އާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ ގާނޫނު އަސާސީގައި އެކަން އެގޮތަށް އޮންނާތީ ކަމަށެވެ. އެކަމަކު އެ ފަހަރު "ބޮޑު ބާގީއަކަށް ހަދައި، މުޅި ރާއްޖޭގައި ގަން ހިންގި" ކަމަށް ވެސް ވިދާޅުވިއެވެ.
ކުރިމަތިލެއްވި ހުރިހާ ކަމަކާ ވެސް ކުރިމަތިލެއްވީ ހެޔޮނިޔަތުގައި ކަމަށް ވިދާޅުވެ، އެމަނިކުފާނު ދެން ވިދާޅުވެ ދެއްވީ ޕީއެޗްޑީ ހާސިލުކުރައްވައިގެން މީގެ 37 އަހަރު ކުރިން ރާއްޖެއަށް ވަޑައިގެންނެވީއްސުރެ މިހައިތަނަށް ސިޔާސީ މައިދާނުގައި ކުރެއްވި އެކި މަސައްކަތްތަކެވެ. އެހުރިހާ މަސައްކަތެއް ވެސް ކުރެއްވީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެންނަންވަން ކަމަށް ވެސް ވިދާޅުވިއެވެ.