twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކުޅުދުއްފުށީގެ ދެ އެތްލީޓުން އައިއޯއައިޖީއަށް

މުޙައްމަދު އަހުމަދު
Aug 25, 2023
1

މާދަމާ މަޑަގަސްކަރައިގައި ފެށުމަށް ހަމަޖެހިފައިވައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ކުޅުދުއްފުށީގެ ދެ އެތްލީޓުން ކަމަށްވާ ހުސެއިން ރިޒާއާއި އަރަމުން އަންނަ ޒުވާން އެތްލީޓް އަހްނާ ނިޒާރު ފުރައިފި އެވެ.

އައިއޯއައިޖީއަށް ދިވެހި ކޮންޓިޖެންޓް މަޑަގަސްކަރައަށް ގޮސްފައިވަނީ ބުދަދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މިއަހަރު ރާއްޖޭގެ ގިނަ އެތްލީޓުންތަކެއް އައިއޯއައިޖީގައި ވާދަކުރުމަށް މަޑަގަސްކަރައަށް ވަނީ ގޮސްފަ އެވެ.

ދިވެހި ކޮންޓިޖެންޓުގައި ޖުމްލަ 172 އެތްލީޓުން ހިމެނޭއިރު މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ނުވަ ކުޅިވަރެއްގައި ވާދަކުރެ އެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ އެތްލެޓިކްސްއާއި ޕަރަ އެތްލެޓިކްސް އަދި ބެޑްމިންޓަނާއި ސްވިމިންގެ އިތުރުން ޓައިކްވޮންޑޯއާއި ބާސްކެޓްބޯޅައިގެ ތްރީ އޮން ތްރީ އަދި ފައިވް އޮން ފައިވްއާއި ޓޭބަލް ޓެނިހުގަ އެވެ.

ކުޅުދުއްފުށިން މިމުބާރާތުގައި ވާދަކުރާ ދެ އެތްލީޓުންނަކީ ހުސެއިން ރިޒާއާއި އަހްނާ ނިޒާރެވެ. ރިޒާ ގައުމީ ޓީމުގައި ހިމެނި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވީ ނަމަވެސް އަހްނާ ގައުމީ ޓީމުގައި ހިމެނި ރާއްޖެ ތަމްސީލް ކުރަން ފަށާފައިވަނީ ވަރަށް ފަހުންނެވެ.

ކުޅުދުއްފުށި ޝަރީފް ސްޕޯޓްސްއިން ތަމްރީނުވަމުން އަންނަ އަހްނާ އަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބާރު އަންހެން ދުވުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ އެތްލީޓެކެވެ. ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް އަހްނާ އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދާފަ އެވެ.

މިދެ އެތްލީޓުން ވެސް ވާދަކުރާނީ އެތްލެޓިކްސްގަ އެވެ. އަހްނާއަކީ ސްޕްރިންޓް ދުވުންތެރިޔަކަށްވާއިރު ރިޒާއަކީ މިޑްލް ޑިސްޓޭންސް އެތްލީޓެކެވެ.

ގައުމީ ގިނަ ރެކޯޑްތަކެއް ވެސް ހަދާފައިވާ އަހްނާ އަކީ އަރަމުން އަންނަ ޒުވާން އެތްލީޓުންގެ ތެރެއިން ފާހަގަކޮށްލެވޭ އެތްލީޓެކެވެ. އަހްނާ ވަނީީ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ޔޫތް ރެކޯޑް އަދި ޓްރިޕަލް ޖަމްޕުން ގައުމީ ރެކޯޑު ވެސް ހަދާފަ އެވެ.

އަހްނާއާއި ރިޒާ ގައުމީ ޓީމުގައި ހިމެނިގެން އައިއޯއައިޖީގައި ވާދަކުރުމަކީ މުޅި ކުޅުދުއްފުށި ވެސް ފަހުރުވެރިވާފަދަ ނަތީޖާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355