ދިރާގު ކަސްޓަމަރުންނަށް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތައް ފަސޭހަކަމާއެކު ޗެކްކޮށް މެނޭޖްކުރެވޭ މުޅިން އާ ޕޯޓަލްއެއް އެކުންފުނިން ލޯންޗުކޮށްފި އެވެ.
މިއީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދާދި ފަހުން އަމަލުކުރަން ފެށި މޯބައިލް ނަންބަރު ގަވާއިދާއެކު މޯބައިލް ނަންބަރު ދޫކުރެވޭ އަދަދު ކަނޑައެޅުމުން ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ގެނެސްދިނުމަށް ތައާރަފުކުރި ޕޯޓަލްއެއް ކަމަށް އެކުންފުނިން ބުނެ އެވެ.
މި ގަވާއިދުގައިވާ ގޮތުން ދިވެއްސެއްގެ ނަންމަތީގައި ކޮންމެ ނެޓްވާކެއްގައި އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 10 މޯބައިލް ނަންބަރެވެ. އަދި ބިދޭސީންގެ ނަމުގައި ކޮންމެ ނެޓްވާކެއްގައި އެންމެ ގިނަ ވެގެން ރަޖިސްޓްރީ ކުރެވޭނީ ތިން މޯބައިލް ނަންބަރެވެ. ނަމަވެސް މީގެ ތެރޭގައި ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކަށް ނަގާފައިވާ ނަންބަރުތަކެއް ނުހިމެނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަލަށް ތައާރަފްކުރި މައިސާވިސް ޕޯޓަލް މެދުވެރިކޮށް އެކުންފުނީގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތަކުގެ އަދަދު ބަލައި، ހުއްދަ ދީފައިވާ ލިމިޓަށް ވުރެ އިތުރުވާ މޮބައިލް ނަންބަރުތަކަށް ބޭނުން ފިޔަވަޅެއް އެޅޭނެ ކަމަށެވެ
އެ ގޮތުން ދިރާގު މައިސާވިސް ޕޯޓަލް މެދުވެރިކޮށްގެން ނޮވެމްބަރު 24 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތައް އެ ކަސްޓަމަރުންނަށް މެނޭޖު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު އާ އޮފާތަކާއި ސަވިސްތައް އެންމެ ފަސޭހަ އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.