ކުޅުދުއްފުށީ މަގުތަކުގައި ތާރު އަޅަން ގެންނަން ހިލަވެލި ބާލާ ކޮޅުވެއްޓިއެއް، ހިލަވެއްޏާއެކު ނެރު ސަރަހައްދަށް ބީހިއްޖެ އެވެ.
ހިލަވެލި ހިފައިގެން އައިސް އޮތް ބޯޓަކުން ހިލަވެލި ބޭލުމަށް ބޭނުންކުރަމުންދަނީ ތިން ކޮޅުވެއްޓި އެވެ. އެތަނުން އެއް ކޮޅުވެއްޓި ރޭ އިން ފެށިގެން އޮތީ ނެރު ސަރަހައްދަށް ބީހިފަ އެވެ.
ބޮޑު މުހައްމަދު ކަލޭފާނުގެ ނެރުގެ ދެކުނު ސަރަހައްދަށް ތިލަ ހިސާބަށް ބީހިފައި އޮތް ކޮޅުވެއްޓި ފުންކުރުމަށް އެހެން ކޮޅުވެއްޓިއެއް ކަފު ޖަހައިގެން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދިވެސް ފުން ކުރެވޭވަރެއް ނުވެ އެވެ.
މައުލޫމާތު އެނގޭ މީހަކު ބުނީ، ހިލަވެލި ބާލަން އުޅުމުގެ ތެރޭގައި ބައެއް ކޮޅުވެއްޓި އެތަނަށް އިއްޔެ އާއި ރޭގެ ވަގުތުތަކުގައި ބީހީފައިވާ ކަމަށާ ނަމަވެސް އެ އުޅަނދުތައް އެ ފަހަރުތަކުގައި ފުން ކުރެވިފައިވާ ކަމަށެވެ.
މިކަމުގައި އާރުޑީސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
ކުޅުދުއްފުށީ މަގުތަކުގައި ތާރު އަޅަން ގެނައި ގިނަ އަދަދެއްގެ ވެހިކަލާއި ހިލަވެލި ހިފައިގެން އައި ބޯޓެއް ބޭރުގައި ބާއްވައިގެން އޭގެ ތަކެތި ބާލަމުން އަންނަނީ ކޮޅުވެއްޓިތައް ބޭނުންކޮށްގެންނެވެ.