twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށީގެ ދެ އެތްލީޓުން ހިމެނުނު ރިލޭ ޓީމުން ތާރީހީ މެޑަލްއެއް ހޯދައިފި

މުޙައްމަދު އަހުމަދު
Sep 3, 2023
1

ކުޅުދުއްފުށީގެ ދެ އެތްލީޓުން ކަމަށްވާ ހުސެއިން ރިޒާއާއި އަހްނާ ނިޒާރު ހިމެނުނު ގައުމީ ރިލޭ ޓީމުން ތާރީހީ މެޑަލްއެއް ރާއްޖެއަށް ހޯދައިދީފި އެވެ.

މަޑަގަސްކަރައިގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އެތްލެޓިކްސް 4 ގުނަ 100 މީޓަރު ދުވުމުން ރާއްޖޭގެ އަންހެން ރިލޭ ޓީމުން ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ.

ދިވެހިރާއްޖޭގެ އެތްލެޓިކްސްގެ ތާރީހުގައި ވެސް އަންހެން ރިލޭ ޓީމުން ހޯދި ފުރަތަމަ މެޑަލްއަށް މިމެޑަލް ވެގެންދިޔައިރު މިކާމިޔާބީ ހޯދައިދިން ރިލޭ ޓީމުގައި ހިމެނުނު އެތްލީޓުންނަކީ ކުޅުދުއްފުށީ ޝަރީފް ސްޕޯޓްސްއިން ތަމްރީނުވި އަހްނާ ނިޒާރުގެ އިތުރުން ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަންއާއި އަރަމުން އަންނަ ޒުވާން އެތްލީޓުން ކަމަށްވާ މަރިޔަމް ރޫޔާ އަލީ އަދި މަރިޔަމް އަލްހާ ހުސެއިން އެވެ.

4 ގުނަ 100 މީޓަރު ރިލޭ ރާއްޖޭގެ ރިލޭ ޓީމުން ނިންމީ 47.03 ސިކުންތުން ދުވެގެންނެވެ. މިއިވެންޓުގެ އެއްވަނައަށް ދިޔަ މަޑަގަސްކަރައިން 44.82 ސިކުންތުން ރޭސް ނިންމިއިރު 46.56 ސިކުންތުން ދުވެގެން ދެވަނައަށް ދިޔައީ މޮރީޝަސް އެވެ. ރާއްޖޭން ތިންވަނަ މަގާމު ހޯދީ ސީޝެލްސްއާއި ރިޔޫނިއަން ފަހަތަށް ޖައްސާލައިގެންނެވެ.

މީގެއިތުރުން ރާއްޖޭގެ އަންހެން ރިލޭ ޓީމުން ވަނީ 4 ގުނަ 400 މީޓަރު ދުވުމުން ވެސް ރިހި މެޑަލް ހޯދާފަ އެވެ. މި ރިލޭ ޓީމުގައި ހިމެނުނީ ހިމްނާގެ އިތުރުން މުޒުނާ އަދި ލަޔާނާއާއި ޒިވާ އެވެ.

ކުޅުދުއްފުށީގެ ހުނަރުވެރި އެތްލީޓް ހުސެއިން ރިޒާ ވަނީ 4 ގުނަ 400 މީޓަރު މިކްސް ޓީމް ރިލޭ ޓީމުގައި ހިމެނި ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފަ އެވެ. މި ރިލޭ ޓީމުގައި ހިމެނުނީ ހަސަން ސާއިދުއާއި ޒިވާ މޫސާ ޝަފީއުގެ އިތުރުން އައިޝަތު ހަމްނާ ހަސަން އަދި ކުޑަ ރިޒާ އެވެ.

މި ރިލޭ ރާއްޖެއިން ނިންމީ 3 މިނެޓު 33.86 ސިކުންތުން ދުވެގެންނެވެ. 3 މިނެޓު 29.68 ސިކުންތުން ދުވެގެން މަޑަގަސްކަރަ އެއްވަނަ ހޯދިއިރު ދެވަނައަށް ދިޔައީ 3 މިނެޓު 30.33 ސިކުންތުން ރޭސް ނިންމި ރިޔޫނިއަން އެވެ. ރާއްޖެއިން ތިންވަނަ ހާސިލްކުރީ މޮރީޝަސް، މަޔޯޓް އަދި ޝީސެލްސް ބަލިކޮށެވެ.

ކުޅުދުއްފުށީގެ ދެ އެތްލީޓުން ހިމެނި ރާއްޖެއަށާއި ރަށަށް އިތުރު ފަހުރެއް ގެނެސްދިންއިރު ފާހަގަކޮށްލެވެނީ ކުޅުދުއްފުށީގެ ކުޅިވަރުތަކުގެ ތެރެއިން ޒުވާނުން އެންމެ މަތީ ފަންތީގައި ފިޔަޖަހަމުން ދަނީ އެތްލެޓިކްސްއިން ކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355