ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ހުރި ޙަސަން މޫސާ ދީދީ، 85، މިއަދު މަރުވެއްޖެއެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ ހުޅުމާލޭ ޖަލުގައި ހުރި، ހަސަން މޫސާ ދީދީ ހަރަކާތްނުކުރާކަން ފާހަގަކުރެވިގެން، އެމެޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިއުމުން، ޑޮކްޓަރުން ބެލުމަށްފަހު 9:55 ހާއިރު އޭނާ މަރުވެފައިވާކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ހިތްހުއްޓިގެންކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކަރެކްޝަންސްއިން ބުނެފައިވެއެވެ.
ކަރެކްޝަންސްއިން ބުނީ ޖަލުގައި ހުރި ނަމަވެސް އޭނާއަކީ މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށްވެސް ހިނގާ ބިނގާ ނޫޅެވޭ، އެނދުމަތިވެފައިވާ މީހެއް ކަމަށެވެ.
ހަސަން މޫސާ ދީދީ މަރުވުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެކަން އަންގާފައެވެ.
ދެހާސް ވިިހި ވަނަ އަހަރުގެ ޖެނުއަރީ މަހު، ރާއްޖޭގެ ގިނަ ބަޔަކަށް ކުއްލި ސިހުމެއް ގެނުވި، މި މައްސަލައިގައި ހައްޔަރު ކުރީ އެ ކުއްޖާގެ ކާފަ، އިބްރާހީމް ދީދީ، 65، އާއި މުނިކާފަ، ހަސަން މޫސާ ދީދީއެވެ. ހައްޔަރު ކުރުމަށްފަހު، އެ ދެމީހުންގެ މައްޗަށް އުފުލީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ދައުވާއެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު އިއްވި ޙުކުމުގައި ވަނީ ޖަނަވަރީ 17، 2020 ވަނަ ދުވަހުގެ ކުރިން ތަފާތު އެކި ދުވަސްމަތިން، އިބްރާހީމް ދީދީގެ ކާފަ ދަރި އަދި ޙަސަން މޫސާ ދީދީގެ މުނިކާފަ ދަރިއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ދެ މީހުން ބަންދުގައި ތިބި މުއްދަތު ޖަލު ހުކުމުން އުނިކޮށްލުމުން ތަންފީޒު ކުރަންޖެހޭ މުއްދަތަކީ 22 އަހަރާއި 10 ދުވަސް ކަމަށް ވެސް އެ ހުކުމްގައިވެއެވެ.