twitterviber whatsapp telegramfacebookyoutube instagram
28th April 2024

ނަޝީދާ ބައްދަލުކުރައްވަން ޔާމީނު ދެކޮޅުހައްދަވައިފި

ނަބީލާ އިސްމާޢީލް
Sep 17, 2023

ރާއްޖޭގައި މިހާރުއޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ބެހޭ މަޝްވަރާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޖަލުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރައްވަން އެދިލެއްވި ނަމަވެސް އެ މަނިކުފާނު ނަޝީދާ ބައްދަލުކުރައްވަން ދެކޮޅު ހައްދަވައިފިއެވެ.

ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރެއްވުމުގެ ހުއްދަ އަށް ނަޝީދު އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުވެރިކޮށެވެ. އެމަނިކުފާނަށް އެ ހުއްދަ ދެއްވުން އެދި މަޖިލީހުން އިއްޔެ ވަނީ ހޯމް މިނިސްރީއަށް ސިޓީއެއް ފޮނުވައިފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ ރައީސް ނަޝީދުގެ ހުށަހެޅުއްވުމާ އެއްގޮތަށް ބައްދަލުކުރެއްވުމަށް ރައީސް ޔާމީން އުޒުރުވެރިވެވަޑައިގަތުމާ ގުޅިގެން އެކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ މެންބަރުންނާ އިއްޔެ ބައްދަލުކުރައްވާ ނަޝީދު ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ޕީޕީއެމް އާއި އެމްޑީޕީއަށް ހުށަހެޅުމުން ޕީޕީއެމް އިން އެކަމާ ގުޅޭ ލިޔުމެއްގައި ސޮއިކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެމްޑީޕީން ޖަވާބެއް ނުދޭ ކަމަށާއި ނަމަވެސް އެ ޕާޓީން ޖަވާބެއް ނުދިނަސް ޑިމޮކްރެޓުން ދެ ދުވަހެއްގެ ތެރޭގައި ގޮތްތަކެއް ނިންމަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސް ޔާމީންގެ ލަފައާއި މަޝްވަރާވެސް ބޭނުންވާތީ އެވެ.

"ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރު ރައީސް ޔާމީނާވެސް މިކަމުގައި މަޝްވަރާކުރުން ކޮންމެހެން ބޭނުންތެރި. ރައީސް ޔާމީންގެ އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާ އަަދި އަޅުގަނޑުމެންނަށް އެހީތެރިވެދެން އޮތްނަމަ އެވާހަކައެއް،" ނަޝީދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނީ ނިޒާމީ ވޯޓެއް ނަގާނަމަ އެކަމަށް ތައްޔާރުވުމަށް ގާތްގަނޑަކަށް 30 ދުވަސް ބޭނުންވާނެ ކަމަށާއި އަދި މަދުވެގެން 40 މިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސް ފިޔަވާ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ތާއީދުކޮށް އެއްވެސް ސިޔާސީ ޕާޓީއަކުން ވާހަކައެއް ނުދައްކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355