ކުޅުދުއްފުއްޓަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް މި ސިޓީގައި 2000 ހައުންސިންގ ޔުނިޓްގެ މަޝްރޫއެއް ކުރިއަށްގެންދާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވައިިފި އެވެ.
އިދިކޮޅު ކޯލިޝަނުން ހުކުރުދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ރާއްޖޭގެ މައްސަލަތައް ހައްލުވާން އޮތީ ގެދޮރުގެ މައްސަލަ ހައްލުކޮށްގެން ކަމަށާއި ކުޅުދުއްފުއްޓަށްވެސް އެންމެ މުހިންމޫ ގެދޮރުގެ މައްސަލައަށް ހައްލު އައުން ކަމަށެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ، ޕްލޭން ކުރެވިގެން ކުޅުދުއްފުށީގައި 2000 ހައުންސިންގ ޔުނިޓްގެ މަޝްރޫއެއް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ ހައުންސިންގ ޔުނިޓްތަކަކީ މަތި މައްޗަށް މަލްޓި-ސްޓޯރީ އިމާރާތްތަކެއްކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
ގެދޮރުވެރިކަމާ ގުޅުވައި މުއިއްޒު ވިދާޅުވީ، ގެދޮރު އަލަށް އިމާރާތްކުރުމާއި ހަދަން ފަށާ ހުއްޓިފައިވާ ހުރި ފަރާތްތަކާއި ގޯތި ރިނޮވޭޓްކުރަން ހާއްސަކޮށް ލޯނުތަކެއް ތައާރަފްކުރައްވާނެ ކަމަށެވެ. އެގޮތުން ގެދޮރު އަލަށް ހަދައި ފަރާތްތަކަށް ދޫކުރަން ގަސްތުކުރާ ހޯމްސްޓާޓާ ލޯނަކީ އިސްޓްރަސްޓް ރޭޓް ފަސް ފަސެންޓަށްވުރެ ކުޑަ ލުއި ލޯނެ ކަމަށެވެ.
އެހެންވުމުން އޭގެ ފައިދާވެސް މުޅި ރާއްޖެގެ ރައްޔިތުންނަށް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ ލޯނުތައް ތައާރަފުކުރާނީ ގާނޫނު ހަދައިގެން ހުރި ގާނޫނޫތަކަށް ބަދަލުގެނެސްގެން ކަމަށާއި ނުވަތަ ބޭންކިން ނިޒާމު ބަދަލުކޮށްގެން ކަމަށްވާ ނަމަ އެކަން ކޮށްގެންވިޔަސް ރައްޔިތުންނަށް ފައިދާ ކުރާނެ ގޮތަށް އެ ލޯނުތައް ދޫކުރާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު ގެދޮރުގެ މައްސަލަ ހައްލުނުވާ ހަމަ އެކަކުވެސް ނުހުންނާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
ފުރަތަމަ ބުރުގައި ކުޅުދުއްފުށީގައި ބެހެއްޓި ވޯޓްފޮށިތަކުން ކުރި ހޯދެއްވި ޑރ މުއިއްޒެވެ. މިއީ ޑރ މުއިއްޒު މި ކެމްޕެއިންގައި ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ތިންވަނަ ފަހަރެވެ.