ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓާ ޔުނިވާސިޓީ/ކޮލެޖް ފުޓްސަލް މުބާރާތް ކަމަށްވާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2023ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑެންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން އިންތިޒާމްކޮށްގެން ބާއްވާ މި ފުޓްސަލް ފިއެސްޓާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމު ދޭ ހުރިހާ މުއައްސަސާއެއް އެއްތަނަކަށް އެއްކޮށް ބާއްވާ ކުލަގަދަ މުބާރާތެކެވެ.
މި މުބާރާތުގެ މަގްސަދަކީ ޔުނިވާސިޓީން ބޭރުގައި ޓީމްވޯކް ދަސްކޮށް، ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދީ ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
21 ސެޕްޓެމްބަރުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އެކި ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ފިރިހެން އަދި އަންހެން ޑިވިޝަންގެ 30 އަށް ވުރެ ގިނަ ޓީމު ބައިވެރިވާނެއެވެ.
ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.