އުތުރުތިލަފަޅުގައި އެމްއެންޑީއެފުން ތަރައްގީކުރާ ޑޮކްޔާޑަކީ ބޭރުގެ އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ފަދަ ބިޔަ މަނަވަރުތައް އަޅައި، މަރާމާތުކޮށް އަދި އެހެލައި ބޭލުން ފަދަ ކަންކަން ކުރެވޭ ގޮތަށް ހަދާ ތަނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އުތުރުތިލަފަޅަކީ އިންޑިއާގެ އަސްކަރީ ބޭހެއްގެ ގޮތުގައި އެ ގައުމުގެ މަނަވަރުތައް އަޅައި މަރާމާތުކުރުން ފަދަ ކަންކަން ކުރާ ގޮތަށް ހަދާ ތަނެއް ކަމަށް ފަތުރާ ވާހަކަތައް ކުރިން ވެސް ދޮގުކޮށްފައި ވާއިރު، ރޭ ނެރުނު ބަޔާނެއްގައި ވެސް ވަނީ އެ ވާހަކަ ދޮގުކޮށް ބައެއް ތަފްސީލް ދީފަ އެވެ.
ސޯޝަލްމީޑިއާގައި ދައުރުވެގެން އުޅޭ އުތުރު ތިލަފަޅުގެ ބަނދަރު ތަރައްގީކުރަން ނިންމާފައިވާ ގޮތުގެ ކުރެހުމަކީ ރަނގަޅު ކުރެހުމެއް ކަމުގައިވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
"އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނޭޖަށް ވުރެ އެތައް ގުނައެއް ބޮޑު އުޅަނދު ފަހަރަށް ވާތީ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ޑޮކްޔާޑުގައި އެފަދަ ބޮޑެތި މަނަވަރުތައް އަޅާ މަރާމާތުކޮށް، އެހެލާ ބޭލުމަކީ ކުރެވޭނެކަމެއް ނޫންކަން ފާހަގަކުރަމެވެ،" އެމްއެންޑީއެފްގެ ބަޔާނުގައިވެ އެވެ.
މިއީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާާފައި ބާއްވާނެ ބަނދަރެއް ނެތުމުންނާއި މަރާމާތުކޮށް، ބެލެހެއްޓުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ބަޔާނުގައިވެ އެވެ.
"މިކަމުގެ ސާފު މައުލޫމާތު ގެނެސްދެއްވުމަށާއި ހަގީގަތާއި ހިލާފު ދޮގު ވާހަަކަތައް ނުފެތުރުއްވުމަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.
އުތުރުތިލަފަޅުގެ ބަނދަރާއި ޑޮކްޔާޑުގެ އެއްބަސްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ދެ ގައުމުން އިންޑިއާގައި ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ އެއްބަސްވުމެކެވެ.
އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރު ތަރައްގީކުރުމަށް ފައިސާ ހަމަޖައްސައިދޭ ފަރާތަކީ އިންޑިއާ ކަމަށްވާތީ މިމަޝްރޫއުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ވިކާސް ނިގާމް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.
ވިކާސް ނިގާމްއާ މަސައްކަތް ހަވާލުކޮށްފައިވަނީ 186.3 މިލިއަން ޑޮލަރު 2.8 ބިލިއަން ރުފިޔާ އަށެވެ. ވިކާސް ނިގާމް އަކީ ރެއިލްވޭތަކުގެ މަސައްކަތްކުރާ އިންޑިއާގައި ފާހަގަކުރެވޭ ކުންފުންޏެކެވެ.