twitterviber whatsapp telegramfacebookyoutube instagram
6th May 2024

މި ކުރިމަތިލަނީ އިގްތިސޯދު ވައްޓާލާފައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖެހުމަށް: މުއިއްޒު

ނަބީލާ އިސްމާޢީލް
Sep 25, 2023

ޖީޑީޕީ 150 ބިލިއަން ރުފިޔާއާ ހަމައަށް އިތުރުކޮށް ރާއްޖޭގެ ދަރަނިން ސަލާމަތްކުރުމަކީ އަމާޒެއް ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އިގްތިސޯދީ މެނިފެސްޓޯ ތައާރަފްކުރުމަށް ރޭ މީރުމާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ރާއްޖޭގެ އިގްތިސޯދު މިހާރު އޮތް ހާލަތާ ބެހޭ ގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވައިފައެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމް ޕީއެންސީ ސަރުކާރެއްގައި ދައުރު ނިމޭއިރު ބޮލަކަށްޖެހޭ އާމްދަނީގެ ނިސްބަތް 17000 ޑޮލަރަށް ޖެއްސުމަކީ އަމާޒެއް ކަމަށާއި ރާއްޖެއަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އިޤްތިސާދީ ގޮތުން ގައުމު އާރާސްތުކުރެވޭނެ ސަރުކާރެއްކަމަށެވެ.

އެގޮތުން ހިސާބު ޖައްސާވާ ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ އިޤްތިސާދު ކޮޅަށް ޖެހުމަށް މައިގަނޑު 3 ދާއިރާއަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އިޤްތިސޯދު ހަމައަކަށް އެޅުވުމަށާއި، އިންގިލާބީ ބަދަލުތައް ގެނެސް އިޤްތިސޯދު ފުޅާކުރުން ހިމެނޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންގެ ރާއްޖެއަށް އުފަންވާ ކޮންމެ ކުއްޖެއްގެ ބޮލުގައި މި ސަރުކާުރުގެ ސިޔާސަތު އޮތް ގޮތުން އެބަ އެޅިގެންދޭ 200000 ރުފިޔާގެ ދަރަންޏެއް،"އެންމެ ކުރުކޮށް މިއަދުގެ އިގްތިސޯދުގެ ހާލަތު ބަޔާންކުރެވޭނީ މި ޖުމުލައިން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުގެ ސަބަބުން 114 ބިލިއަނަށް ދަރަނި އުފުލިފައިވާ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ދަރަނި 32 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

އޭގެ ތެރެއިން މި ހިނގަމުންދާ ދައުރުގައި އުފެއްދި 60 ބިލިއަން ރުފިޔާގެ ދަރަނި ހިމެނޭކަމަށާއި އެ ކަމުގެ ސަބަބުން ޖުމުލަ ދަރަނި 146 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކުރިމަތިލަނީ މި ހާލަތާ. މިކަމާ މި ކުރިމަތިލަނީ. އިގްތިސޯދު ވައްޓައިލައިފައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖެހުމަށް ޓަކައި،" އޭނާ ވިދާޅުވިއެވެ.

މި ހާލަތަށް ގައުމުގެ އިގްތިސޯދު އައި ގޮތް ވެސް މުއިއްޒު ރޭ ވަނީ ކިޔައިދެއްވައިފައެވެ. އޭނާ ވިދާޅުވީ ގިނަ ދަރަނިތަކެއް އެކި މަޝްރޫތަކަށާއި އެއްވެސް ހަމައެއް އުސޫލެއް ނެތި ހިންގައިފައިވާ މަޝްރޫތަކަަކަށް ވެސް ނަގައިފައިވާ ކަމަށް ވިދާޅުވިއެވެ. އުސޫލެއް ހަމައެއް ނެތި ސިޔާސީ މަގާމުތަކަށް މީހުން ނަގައިފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"މި ކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް މި ވަނީ ނިކަމެތި ރައްޔިތުންނަށް. އެއްވެސް ފައިދާއެއް ރައްޔިތުންނަކަށް ވާ ތަނެއް ނުފެނޭ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލެނީ ބޭރުގެ ސިފައިން ތިބެގެން އެކަނި ނޫންކަމަށާއި އިގްތިސޯދީ ގޮތުން ވެސް ވަނީ އަޅުވެތިވެފައިވާ ކަމަށެވެ. އެ ގޮތުން މި ސަރުކާރުން ނަގައިފައިވާ ލޯންތަކުގެ 50 ޕަަސެންޓަކީ އިންޑިއާއިން ނަގައިފައިވާ ލޯންކަމަށާއި ވަކި ގައުމަކަށް އިގްތިސޯދީ ގޮތުން ވެސް ބަރޯސާ ވެފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަޖެޓް ޑެފިސިޓް 15 އިންސައްތައިން ސިންގަލް ޑިޖިޓަށް ކުޑަކުރާނެ ކަމަށެވެ. އަދި އެކްސްޗޭންޖް ރޭޓް އެއްހަމައެއްގައި ހިފަހައްޓައިދޭނެކަމަށް ވެސް ވިދާޅުވިއެވެ. އަދި އެމްއެެމްއޭގެ ރިޒާވް އިތުރުކޮށް މައްޗަށް ގެންގޮސްދެއްވާނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2026ވަނަ އަހަރާ ހަމައަށް ދަރަނި މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް ވެސް ހަދައިަފއިވާ ކަމަށާއި ކްރެޑިޓް ރޭޓިން 2016ގައި ހުރި ހިސާބަށް އަނބުރާ ގެންގޮސްދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ދަރަނި ދެއްކުމަށް އިންވެސްޓާ ގެރެންޓީ އަނބުރާ ގެނެސް ލޯނުތައް ދެއްކުމަށް ރީފައިނޭންސްކޮށް މާ ބޮޑު މައްސަލަތަކެއް ނާންނާނެ،" މުއިއްޒު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވެސް އޭނާ ވަނީ ތަސައްވަރުތަކެއް ހާމަކުރައްވައިފައެވެ.

މަސްވެރިކަން ހަރުދަނާކުރުމަށް ރާއްޖެއިން ބޭރަށް މަސް ބޭރުކުރެވޭ ނިސްބަތް އިތުރުކުރުމަށާއި ދަނޑުވެރިކަން ކުރިއެރުވުމަށް ޚާއްސަ ރަށްތައް ދޫކޮށް މި ދެދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރުމަށްވެސް މެނިފެސްޓޯގައި ހިމަނާފައިވާކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355