twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީގައި ސްކޫލް ބަހުގެ ހިދުމަތް ފަށައިފި

Sep 28, 2023
2

ކުޅުދުއްފުށީގައި އާރުޓީއެލް ސްކޫލް ބަހުގެ ހިދުމަތް ފަށައިފި އެވެ. މިކަމަށްޓަކާ ރޭ އޮތް ހަފުލާގައި މިކަން އިފްތިތާހްކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

ކުޅުދުއްފުށީގައި ސްކޫލް ބަހުގެ ހިދުމަތް ފެށުމަށްޓަކާ ގެނެސްފައިވަނީ 22 މީހުންގެ ޖާގައިގެ މިނީ 2 ބަހެވެ. ކޮޅަށްވެސް ތިބެވޭ މި ބަސްތަކުގައި ޖުމްލަ 32 މީހުންނަށް ދަތުރުކުރެވޭނެ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، މިއަދުން ފެށިގެން އާދިއްތަދުވަހާ ހަމައަށް ޓްރައިލް ދަތުރުތައް ކުރިއަށްދާނެ ކަމަށެވެ. އަދި ޓްރައިލް ދަތުރުތައް ހިލޭ ކުރުމަށް ހަމަޖެހިފައިވާއިރު އެ ދުވަސްތަކުގައި އާންމުންނަށްވެސް ބަހުގައި ދަތުރުކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފެށުމުން ދަރިވަރުން އުފުލުމުގެ ހިދުމަތް ފެށިގެންދާނެ ކަމަށާއި މާލެ ސަރަހައްދާ އެއްގޮތަށް މިރަށުގައި ދަރިވަރުންނަށް ބަހުގެ ހިދުމަތް ހިލޭ ފޯރުކޮށްދެވޭނެކަމަށް އުންމީދުކުރައްވާކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

ބަހުގެ ހިދުމަތް ފުރަތަމަ ފަށާއިރު ކުރިއަށްދާނީ ބޮޑެތި މަގުތަކުގައި ކަމަށާއި އެހެންވިޔަސް އެތެރެ މަގުތައްވެސް ހިމަނައި ބަސް ރޫޓްތައް ހެދުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ބަސް ސްޓޮޕްތައް ހެދުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.

ޑެޕިއުޓީ މޭޔަރު ވިދާޅުވީގޮތުގައި 2021 ވަނަ އަހަރު ސިޓީ ކައުންސިލްގެ ކޮމެޓީތައް އެކުލަވާލި ހިސާބުން ފެށިގެން ލޭންޑް ޓްރާންޕޮޓޭޝަން ހިދުމަތް ފެށުމަށް ސްކޫލްތަކުގެ ޕީޓީއޭ ތަކާއި އެސްއެމްޓީތަކާއެކު ވަކިވަކި ބައްދަލުވުންތަކެއް ކުރިއަށްގެންދިޔަ ކަމަށެވެ. އެއް ބައްދަލުވުންތަކުގައި ސްކޫލް ބަހަށް ޑިމާންޑް އޮތީ ކިހާ ވަރަކަށް ތޯ ބެލި ކަމަށެވެ.

އެކަމަށް ސިޓީ ކައުންސިލުން ކޮންސަލްޓޭޝަން ރިޕޯޓެއް ތައްޔާރުކޮށް ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅައި ޕަބުލިކް ޓްރާންސްޕޯޓް ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ފެށިގެންދިޔަ ކަމަށާއި މިއަދު އެ މަސައްކަތުގައި މިއަދު ކުލަ ޖެހިގެންދިޔައީ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355