twitterviber whatsapp telegramfacebookyoutube instagram
22nd May 2024

ގޭންގު ކުށްތައް އިތުރުވެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ނަބީލާ އިސްމާޢީލް
Sep 30, 2023
1

ޖިނާއީ ކުށްތަކަށް އަރައިގަންނަ މީހުން ނުކުމެ، ބިރުދައްކައި، އިންޒާރުދޭތީ ސަލަމާތީ ފިޔަވަޅުތައް އިތުރުކޮށް އިންތިހާބުގެ ރައްކާތެރިކަން އިތުރުކުރަން ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ އިންތިހާބުގެ ރައްކާތެރިކަމާއި އާންމުންގެ ސަލަމާތްތެރިކަން ކަށަވަރު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕުތަކުގެ ހަރަކާތްތައް މާލެ ތެރޭގައި މިއަދު އިތުރުވަމުންދާ ކަމަށް ފުލުހުންނަށް ފާހަގަ ކުރެވުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ކުރަންޖެހޭ މަސައްކަތްތައް މިގެންދަނީ ކުރަމުން،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ފުލުހުން ބުނީ އެފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

"މިފަދަ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި މިއަދު އިންތިހާބާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާދިނުން ފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ. "މި މައްސަލަތައް ފުލުހުން ދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން."

ކުށްކުރާ ގްރޫޕުތަކުގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި މި ވަނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްކޮށްފައި އޮއްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355