twitterviber whatsapp telegramfacebookyoutube instagram
6th May 2024

ކާމިޔާބަށްފަހު މުއިއްޒު ފުރަތަމަވެސް ގޮވާލެއްވީ ޔާމީން ގެޔަށް ބަދަލުކުރަން

ނަބީލާ އިސްމާޢީލް
Oct 1, 2023

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށްދެއްވުން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ލިބިވަޑައިގެންނެވި ކާމިޔާބީއަށްފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުހާބަތުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ނަތީޖާއަކީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް އަދި ގައުމުގެ މިނިވަންކަން ޔަގީންކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާ އަދަބުވެރިކަމާ އެކީގައި ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް. އެމަނިކުފާނު ގެއަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ކުރެއްވެވޭނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަކީ ގައުމުގެ މަސްލަހަތަށްޓަކާ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ޔާމީން ގެއަށް ބަދަލުކުރުމަށް މުއިއްޒު ގޮވާލައްވާފައިވާއިރު ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި ދުވަހު މުއިއްޒު ވިދާޅުވި އެވެ.

"ފުރަތަމަ ދުވަހުވެސް އެންމެ ފުރަތަމަ ކަމަކަށްވެސް އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ ރައީސް ޔާމީން މިނިވަންކުރުން،" އޮގަސްޓް މަހުގެ ތިން ވަނަ ދުވަހު މުއިއްޒު ވިދާޅުވި އެވެ.

ޔާމީން މިނިވަންކުރާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށްވެސް މުއިއްޒު އޭރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355