މި މަހުގެ ބާކީ އޮތް މުއްދަތުގައި ނިޒާމީ ވޯޓު ނެގެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބުތަކާއި އާންމު ގާނޫނުގައިވާ ގޮތުން އިންތިހާބެއް ބޭއްވުމަށް ޓަކައި މަދުވެގެން 45 ދުވަސް ބޭނުންވާ ކަމަށެވެ.
އެއީ، އިންތިހާބަށް އިއުލާން ކުރުމާއި ރަޖިސްޓްރީ އާންމުކޮށް ޝަކުވާއަށް ހުޅުވާލުމާއި، ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލުމާއި އޮފިޝަލުން ތަމްރީނު ކުރުމާއި ކެމްޕެއިން ކުރުމާއި ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ތައްޔާރުކޮށް، ވޯޓު ކަރުދާސް ޗާޕުކުރުން ފަދަ ކަންތައްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައިވާ ގޮތުން، އިންތިޚާބެއް ބޭއްވުމަށްޓަކައި މަދުވެގެން 45 ދުވަސް ބޭނުންވޭ. އެއީ، އިންތިޚާބަށް އިޢުލާން ކުރުމާއި، ރަޖިސްޓަރީ ޢާންމުކޮށް ޝަކުވާ އަށް ހުށަހެޅުމާއި، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި، އޮފިޝަލުން ތަމްރީން ކުރުމާއި، ކެމްޕެއިން ކުރުމާއި…
— Ismail Habeeb (@IsmailHabeeb) October 3, 2023
ނިޒާމު ބަދަލުކުރުމަށް ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން އީސީއަށް އެންގީ، ރިޔާސީ އިންތިހާބުގެ މެދުތެރޭގައިކަން ހަބީބް ފާހަގަކުރެއްވިއެވެ. އަދި، މަދުވެގެން 30 ދުވަހުގެ މުއްދަތެއް ލިބިއްޖެ ނަމަ އެފަދަ ވޯޓެއް ނެގިދާނެކަން އީސީން މަޖިލީހަށް އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެ ވޯޓާ ގުޅޭ ގޮތުން މަޖިލީހުން ނިންމަން، އީސީން އެދުނު ކަންތައްތައް މަޖިލީހުން ފުރިހަމަކޮށްފައިނުވާތީ ވޯޓު ނެގުމުގެ ފުރުސަތު މިހާރު ނެތް ކަމަށް ހަބީބް ވިދާޅުވިއެވެ.
"މި ކަމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމަކަށް ވެފައި، މިކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކާ ނުލައި މިފަދަ ވޯޓަކަށް ދިޔުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ،" ހަބީބް ވިދާޅުވިއެވެ.
ނިޒާމީ ވޯޓެއް ނަގަން މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އަދި، އިސްލާހަކާ އެކު 30 އޮކްޓޫބަރުގެ ކުރިން އެ ވޯޓު ނަގަން ގަރާރު ފާސްކުރީ އެމްޑީޕީ މެންބަރުންގެ ތާއީދާ އެކުގައެވެ.
ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން އޭރު ވޯޓު ދިން ނަމަވެސް، އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިއްޔެ ވިދާޅުވީ، އެ ޕާޓީގެ 99 އިންސައްތަ ބޭފުޅުން ބަރުލަމާނީ ނިޒާމާ ދެކޮޅު ކަމަށެވެ. އަދި، އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ވަނީ އެ ޕާޓީން ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ބަރުލަމާނީ ނިޒާމަކަށް މިހާރު ތާއީދު ކުރައްވައި، މަސައްކަތް ކުރައްވަނީ ނަޝީދެވެ. ނަމަވެސް އިއްޔެ މަޖިލީހުގައި ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ މި މަސް ތެރޭ އެ ވޯޓު ނުނެގޭނެ ކަމަށް ވިދާޅުވެ ވޯޓު ފަސްކުރަން ގޮވާލާފައެވެ.