ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތާއެކު އެތްލީޓުންގެ އާ ޖީލެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
މޭޔަރު އާތިފް މިހެން ވިދާޅުވީ މިރޭ އޮތް ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގަ އެވެ.
1150 އެތްލީޓުންނާއި އެކު މިހާރު ކުޅުދުއްފުށީގައި ކުރިއަށްދާ މި މުބާރާތަކީ އެތްލެޓިކްސް އެސޯޝިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހު 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ކުދިންނަށް މި ފަދަ މުބާރާތަކުން ތަފާތު އެކި އެކި ތަޖުރިބާ ކުރެވިގެން ދާނެ ކަމަށާއި މިފަދަ އިތުރު ހަރަކާތްތަކުގައި ކުދިން ޝާމިލްވެ އުޅުމަކީ ކުދިންގެ ވިސްނުންތަރައްގީވެ، އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާ ކަމެއް ކަމަށެވެ. އަދި އޭގެ އަސަރު ކުދިންގެ ތައުލީމަށް، ހެދިބޮޑުވުމަށް ކުރާކަން ހޯދުން ތަކުން އެނގިގެންދާކަމަށެވެ.
މޭޔަރު ވިދާޅުވީ މި މުބާރާތް ކުރިއަށްދާތަން ފެނި މިކަމަށް ޝައުގުވެރިކަން އުފެދި އިތުރު ޒުވާން ކުދިންތަކެއްވެސް މުބާރާތުގެ ތެރެއިން މި އެތްލެޓިކްގެ ތެރެއަށް ޝާމިލްވެގެން ކުރިއަށްއޮތްތާ ދާނެ ކަމަށް އުންމީދު ކުރާކަމަށެވެ.
"އަޅުގަނޑު މިއަދު މި އުންމީދުކުރަނީ މި މުބާރާތުގެ ސަބަބުން އަނެއްކާވެސް ދިވެހި އާ ޖީލެއް އެތްލެޓިކްސްގެ ތެރެއަށް ވަދެގެން ދާނެކަމަށް އަަދި ހަމަ އެއާއެކީގައި އަޅުގަނޑު އުންމީދުކުރަން މި މުބާރާތުގައި ވާދަކުރާ ގިނަ ކުދިންތަކެއް ގައުމީ ލެވެލްގައި ގައުމީ ޓީމުން ފެނިގެންދާނެކަމަށް، އަދި މި މުބާރާތް ކުރިއަށްދާތަން ފެނި މިކަމަށް ޝައުގުވެރިކަން އުފެދި އިތުރު ޒުވާން ކުދިންތަކެއްވެސް މުބާރާތުގެ ތެރެއިން މި އެތްލެޓިކްގެ ތެރެއަށް ޝާމިލްވެގެން ކުރިއަށްއޮތްތާ ދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން." މޭޔަރު އާތިފް ވިދާޅުވި އެވެ.
މޭޔަރުގެ ވާހަކާގައި ވިދާޅުވީ ކުޅުދުއްފުއްޓަކީ ހާއްސަކޮށް ގައުމީ ފެންވަރުގައި އެތްލެޓިކްސްގައި ފާހަގަކޮށްލެވޭ ރަށެއްކަމަށެވެ.
އެތްލީޓްގެ އަހުލާގު ހިފެހެއްޓުމަށް އެތްލީޓުންނަށް ނަސޭހަތްތެރިވަމުން މޭޔަރު ވިދާޅުވީ ކުރާ ކޮންމެ ކަމެއްވެސް ޔަގީންކަމާއެކު ކުރުމަކީ އެކަމެއް ކާމިޔާބު ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމުގަ އެވެ. މީގެ އިތުރުން މޭޔަރުވަނީ ރަށަށް މި ވަގުތު ޒިޔާރާތްކޮށްގެން އުޅޭ މެހުމާނުންނަށް ރަނގަޅު މެހުމާންދާރީއެއް އަދާކޮށްދިނުމަށް ކުޅުދުއްފުށީގެ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.