ވ ރަކީދޫގައި އަލަށް އިމާރާތްކުރި ސްކޫލް ހުޅުވައި ތިން ކުދިންނާއެކު ކިޔަވައިދޭން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ފަށާފައިވަނީ ސެޓެލައިޓް ސްކޫލް ނިޒާމުން ކަމަށެވެ.
ވ. ރަކީދޫ ސްކޫލްގައި ސެޓެލައިޓް ސްކޫލް ނިޒާމުން މިއަދު ކިޔަވައިދޭން ފަށައިފި. މި ސްކޫލްގެ ކިޔެވުން މި ފެށުނީ 3 ދަރިވަރުންނާ އެކު. (1/2) pic.twitter.com/4Vehm2agEZ
— Ministry of Education (@MoEdumv) October 22, 2023
އެ މިނިސްޓްރީން ބުނީ ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ފެށުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ކިޔަވައިދޭ ސްކޫލެއް ހުންނާނެ ކަމަށެވެ.
އޭގެ ތެރެއިން ހަ ރަށެއްގައި ސެޓެލައިޓު ސްކޫލު ގާއިމް ކުރެވިފައިވާއިރު އެއީ ރަކީދޫގެ އިތުރުން ބ ފެހެންދޫ، ފުޅަދޫ، ގއ ކޮނޑޭ، އދ ދިއްދޫ އަދި ވ ތިނަދޫއެވެ.
ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.
ސެޓެލައިޓް ސްކޫލަކީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލު ނުހިންގޭ ރަށްރަށުގައި ކުރިއަށް ގެންދާ އޮންލައިން ސްކޫލިން ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ތެރެއިން ކިޔަވައިދޭ މައި މަރުކަޒަކީ ހުޅުމާލޭ ހުރަވީ ސުކޫލެވެ. ހުރަވީ ސުކޫލުގެ މުދައްރިސުން މެދުވެރިކޮށް ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ.
63 މީހުން ދިރިއުޅޭ ރަކީދޫގައި 13 އަހަރު ފަހުން ކިޔަވައިދޭން ފެށީވެސް މިދިޔަ އަހަރުއެވެ. ކިޔަވައިދޭން ފެށިއިރު ސްކޫލެއް ނެތެވެ. އެހެންކަމުން މި ސަރުކާރުން ވަނީ ފެންވަރު ރަނގަޅު ސްކޫލެއް އިމާރާތް ކޮށްދީފައެވެ.
ރާއްޖޭގައި އާބާދީ މަދުވުމުގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައި ހުރި ރަށްތަކުގައި ކިޔަވައިދިނުން ފެށުމުގެ ގޮތުން މި ސަރުކާރުން ސެޓެލައިޓް ސްކޫލް ތައާރަފްކުރިއެވެ.