ފަލަސްތީނުގެ ރައްޔިތުންނަށް 2 މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.
މި މަހު 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާއަށް ފަހު، އިޒްރޭލުން ދަނީ މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.
ރައީސް އޮފީހުން ބުނީ މި މަސްދަޅުތައް ހަދިޔާކުރެއްވުމުގެ މަގުސަދަކީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނިއްޔަތަށްޓަކައި އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުކަމުގަ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އަހުންނާއި އުހުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
"މި ހަދިޔާއަކީ ދިވެހީން ފަލަސްތީނާ އެކު ތިބިކަން ހާމަކޮށްދޭ އަލިގަދަ ދަލީލެއް،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދިވެހީންނާއި ދިވެހި ސަރުކާރުން އަބަދު ވެސް ދެމިއޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި، އެ ގައުމަށް ހަމަޖެހުން ލިބުމަށް ދިވެހީން އަބަދު ވެސް ވަކާލާތު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 5791 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 2035 ކުޑަކުދިން ހިމެނޭއިރު، 1119 މީހުންނަކީ އަންހެނުންވެ. އިތުރު 15273 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ގާއްޒާގެ ސިއްހީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ގަތުލްއާންމުގެ އިތުރުން އިޒްރޭލުން ދަނީ ހަނގުރާމައިގެ ގިނަ، ބޮޑެތި ޖަރީމާތަކެއް ވެސް ހިންގަމުންނެވެ. އެގޮތުން ފެނާއި ކަރަންޓު ކަނޑާލުމާއި ހޮސްޕިޓަލުތަކަށް ބޮން އެޅުމާއި ކާބޯތަކެތި އުފައްދާ ތަންތަން ސުންނާފަތި ކުރުން ހިމެނެ އެވެ.
ހަމަލާތަކުގެ މެދުގައި ތާށިވެފައިތިބި ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުން އިސްރާއީލުން މަނާކޮށްފައި އޮތުމަށް ފަހު، އެހީގެ ޓްރަކްތަކަށް ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ތެޔޮ އެތެރެ ނުކުރެވޭނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.
ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ. ގެ އޭޖެންސީން އާދީއްތަ ދުވަހު ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ގައްޒާގައި ހުރި ތެޔޮ ހުސްވާނެއެވެ.