twitterviber whatsapp telegramfacebookyoutube instagram
28th April 2024

ހަގީގަތަކީ ޣައްޒާގެ ފިޔަވާ މުޅި ދުނިޔެ އޮތީ އިސްރާއިލްގެ އަޅުވެތިކަމުގަކަން: މޮސްޓާ

ނަބީލާ އިސްމާޢީލް
Oct 26, 2023

ހަގީގަތަކީ ޣައްޒާ ފިޔަވާ މުޅި ދުނިޔެ އޮތީ އިސްރާއިލްގެ އަޅުވެތިކަމުގެ ދަށުގައި ކަމަށް ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު އަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

މޮސްޓާ މިހެން ވިދާޅުވީ އިއްޔެގަ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހަޅުއްވާފައިވާ އިޒްރާއީލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އެ ހަމަލާ ތައް ވަގުތުންހުއްޓާ ލުމަށާއ،ި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލައި ފަލަސްތީނުގައި އިންސާނީ ހައްގުތައް ކަށަވަރުކޮށް، އިޒްރާއިލުން ފަލަސްތީނުގެ ރައްޔިތުން ކިބައިން ފޭރިގެންފައިވާ އެންމެހާ ބިންތަކުން ފައިބާ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާ ހުށަހެޅި ގަރާރަށް ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ޣައްޒާއަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަށް ފެށުންގޮތް ހަމައިން ވިސްނާލާއިރު ފެންނަނީ އިސްލާމްދީން ނެތިކޮށްލަންވެގެން ބަޔަކު ފެށި މަސައްކަތް، ނަސޯރާއިންނާއި ޔަހޫދީން އިސްނަގައިގެން ފެށި ކަމެއް ކަމަށެވެ.

ޣައްޒާ ފިޔަވާ މުޅި ދުނިޔެ އޮތީ އިސްރާއިލްގެ އަޅުވެތި ކަމުގައި ކަމަށާއި ދުނިޔެއަށް އެއްޗެއް ބުނަން ނުކެރި އެހީވާން ނުކެރެނީ އެހެންވެގެން ކަމުގައި އޭނާ ވިދާޅުވި އެވެ.

"މިއަދު މުޅި ދުނިޔެ، ޣައްޒާ ފިޔަވާ މުޅި ދުނިޔެ އޮތީ އިސްރާއިލްގެ އަޅުވެތި ކަމުގެ ދަށުގަ. މުޅި ދުނިޔެ. އެއީ ހަގީގަތަކީ، ޣައްޒާ އެކަނި އިސްރާއިލްއަށް އަޅުވެތި ނުކުރެވިގެން އެ އުޅެނީ. އެހެންވެ އެއްޗެއް ބުނަން ނުކެރިގެން އެ އުޅެނީ، އެހީ ދޭން ނުކެރީ އެހެންވެގެން ދުނިޔެއަށް" މޮސްޓާ ވިދާޅުވި އެވެ.

1960 ވަނަ އަހަރު އދ އިން ޣައްޒާ އާއި ވެސްޓް ބެންކާއި ދޭތެރޭގައި އޮންނަ އިސްރާއިލް ބައިކުރަން ނިންމި ނަމަވެސް އެއްގައުމެއް އެ ގޮތައް ބައިކުރަން ނިންމި ނިންމުމަކަށް އިހުތިރާމުކުރަން ނުޖެހޭނެ ކަމަށާއި އިސްލާމުންގެ ހައިސިއްޔަތުން އިސްލާމީ އުންމަތުން އެކަމަށް އިހުތިރާމްކުރަން ނުޖެހޭނެ ކަމަށް މޮސްޓާ ވިދާޅުވި އެވެ.

މިއަދު މި ހާލަތަށް އިސްލާމީ އުންމަތް ގޮސްފައި މިވަނީ އުންމަތަށްވުރެއް ގައުމިއްޔަތު އިސްކޮށްގެން ކަމަށާއި ޔޫރަޕާއި ހުޅަނގު، އެމެރިކާއިން ބޭނުންވި ގޮތައް ޖިހާދުގެ ވާހަކަ އިސްލާމި އުންމަތުގައި ނުދެއްކޭ ކަމަށެވެ.

"ޔޫރަޕާއި ހުޅަނގު، އެމެރިކާއިން ބޭނުންވި ގޮތަށް ޖިހާދުގެ ވާހަކައެއް އަޅުގަނޑުމެންނަކަށް ނުދެއްކޭ، ޖިހާދުގެ ވާހަކަ ދައްކާ، ޖިހާދަށް ގޮސްފިއްޔާ އެއީ ހަރުކަށި ފިކުރެއް، އެއް ޖިންސުން ގުޅުން ހިންގަންދާ މީހާއަކީ މިނިވަން ފިކުރުގެ މީހެއް، މިއޭ މިއަދު ދިވެހި ރާއްޖޭގައިވެސް މުސްލިމު އުއްމަތަށް ވިސްނައިދީފައިވާ ގޮތަކީ." އޭނާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް މިއަދު ދިރިއުޅުމުގެ ހައްގުވެސްނެތްކަން ފާހަގަ ކުރައްވާ މޮސްޓާ ވިދާޅުވީ މިއަދު މި ކުރާ ހަނގުރާމައަކީ ފަލަސްތީނާ އިސްރާއިލާއި ކުރާ ހަނގުރާމައެއް ނޫން ކަމަށާއި މިއީ އިސްލާމީ އުންމަތާއި ނަސޯރާއިންނާ ޔަހޫދިނުން ކުރާ ހަނގުރާމަ އެއްކަމަށެވެ.

މި ހަނގުރާމައަށް އިސްލާމީ އެއްވެސް ގައުމަކުން އެއްޗެއް ބުނަން ނުކެރޭ ކަމަށާއި މުސްލިމުންގެ 3 ވަނަ ގިބުލަ ފަލަސްތީނުގައި ހުރިއިރު އެތަން ސަލާމަތްކުރަން އިސްލާމީ އެއްވެސް ގައުމަކުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ޖިހާދަށް ދާނެ މީހަކު އިސްލާމީ އުއްމަތުގައި ނެތްވަރަށް މިއަދު އިސްލާމީ އުންމަތް އޮތީ ހަލާކުވެފައިކަމަށް އޭނާ ވިދާޅުވި އެވެ.

ޖިހާދުގެ ވާހަކަ ދައްކާއިރަށް ހަރުކަށި ފިކުރު، މި ގައުމުގައިވެސް ޖިހާދުގެ ވާހަކަ ދައްކާއިރަށް ނުރައްކާތެރި ވާހަކައެއް. ދައްކަން ހެޔޮނުވާވަރު ވާހަކައެއް، ކުޑަކުދިންގެ ސިކުނޑި ދޮވެވޭފަދަ ވާހަކައެއް. މިގޮތަށް ވާހަކަ ދައްކަމުން ދައްކަމުންގޮސް މިއަދު ޖިހާދަށް ދާނެ ބަޔަކު ނެތްވަރަށް މިއޮތީ އިސްލާމީ ގައުމުތައް ހަލާކުކޮށްލާފަ. މި ވާހަކަ ނުދައްކާ، ޖިހާދު ނޫންގޮތަކަށް މިއަދު އިސްލާމްދީން ކުރިއަރައިގެން ނުދާނެ. ފަލަސްތީނުގެ މިނިވަނެއް ނުވާނެ މިތާ މޭޒު ދޮށުގައިތިބެގެން އަޅުގަނޑުމެން މި ދައްކާ ވާހަކައަކުންނެއް." މޮސްޓާ ވިދާޅުވި އެވެ.

ޖިހާދުކޮށްގެން ނޫން ގޮތަކަށް ފަލަސްތީނު މިނިވަން ނުވާނެ ކަމަށާއި ރާއްޖޭގައިވެސް ޖިހާދަށް ދެވެން ތިބި ބައެއްވެއްޖެޔާ ޖިހާދަށް ފޮނުވަން މޮސްޓާ ވަނީ ގޮވާލާފަ އެވެ.

އާންމު ރައްޔިތުންގެ އިވެންޓުތަކުން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދޭއިރު ދިވެހި ދައުލަތުން މިއަދާހަމައަށް އައި އިރުވެސް އިސްރާއިލް ޕާސްޕޯޓް ރާއްޖޭގައި މަނާ ނުކުރެވޭ ކަމަށާއި މިވަރު ކަމެއް ދައުލަތަށް ނުކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355