ކުޅުދުއްފުށީގެ ރޫހް އޮތީ ރަށު ދަރިއެއް ހޮވުމަށްކަމަށާއި، އެހެންވުމުން އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަނުކުރައްވަން، މާލޭ ސިޓީ ކައުންސިލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެޑައިގެން ހުންނެވި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ނިންމަވައިފި އެވެ.
ނަރީޝް މިކަން ހާމަކުރައްވާ ކުރި ފޭސް ބުކް ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީގެ ތެރެއިން ހިދުމަތް ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތުކޮށް ސަރުކާރާއި ގުޅިގެން ދާއިރާއަަށް ތަރައްގީ ހޯދައިދިނުމުގެ މަތިވެރި އަޒުމުގައި ކުޅުދުއްފުށީ އުތުރު ދައިރާއަށް ވާދަކުރަން ނިންމުމާއިއެކު ކުޅުދުއްފުށީ އުތުރަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކަމުވޮށިގެންވާ ބޭފުޅުންނާއި އިސްރަށްވެހިންނާއި ކަނބަލުންނާއި ޒުވާނުން ތާއީދުއޮތްކަން ހާމަކުރަމުން ގެންދެވި ކަމަށެވެ.
ކުޅުދުއްފުށީ ރޫހު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް ރަށުދަރި ރަށަށް އިންތިހާބުކުރުމުގެ ރޫހުގައި ކަން ފާހަގަ ކުރައްވައި އެރަށުގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިހުތިރާމްކޮށް ރައްޔިތުންގެ މަޖިލީސް ކުޅުދުއްފުށީ އުތުރު މަޖިލީސް ޕްރައިމަރީގައި ވާދަނުކުރަން ނިންމިކަން ވަނީ ހާމަކުރައްވާފަ އެވެ.
"އަދި ޓީމެއްގެ ގޮތުގައި އަޅުގަނޑަށް ތާއީދު ހޯއްދައޮ ދެއްވަން މަސައްކަތްކުރައްވަމުން ގެންދެވި ހުރިހާ ބޭފުޅުންނަށް ހިތުގެ އިހުލާސްތެރި ޝުކުރު އަދާކުރަން. އަޅުގަނޑު މަސައްކަތް ކުރިކުރުމުގައި އަޅުގަނޑަށް ކުޅުދުއްފުށީ ރޫހު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް ރަށުދަރި ރަށަށް އިންތިހާބުކުރުމުގެ ރޫހުގައި ކަން ވަރަށްބޮޑަށް ފާހަގަވި، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިހުތިރާމް އަޅުގަނޑު ކުރާ ހާލު ރައްޔިތުންގެ މަޖިލީސް ކުޅުދުއްފުށީ އުތުރު މަޖިލީސް ޕްރައިމަރީގައި އަޅުގަނޑު ވާދަނުކުރަން ނިންމި ވާހަކަ ކުޅުދުއްފުށި އުތުރުގެ ލޮބުވެތި ރައްޔިތުން އަރިހުގައި ދަންނަވަން." ނަރީޝް ވިދާޅުވި އެވެ.
ނަރީޝް މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަނުކުރަން ނިންމާފައިވާއިރު ކުޅުދުއްފުށީ 2 ދާއިރާއަށް ރަށުގެ ރައްޔިތުން ވާދަކުރާނެކަމަށް އަންނަނީ ފާޅުކުރަމުންނެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ ދައުރުގައި ކުޅުދުއްފުށީގެ ދެ ދާއިރާ ތަމްސީލް ކުރަނީވެސް ކުޅުދުއްފުށީގެ ދެ މެންބަރުންނެވެ.