twitterviber whatsapp telegramfacebookyoutube instagram
28th April 2024

ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އީވާ އުޒުރުވެރިވެއްޖެ

ނަބީލާ އިސްމާޢީލް
Nov 5, 2023

ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަން މަޖިލިހުގެ އިދާރާ އަށް އަންގަވައިފިއެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލަ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އުޒުވެރިވެވަޑައިގަންނަވާކަން އީވާ ހާމަކުރެއްވީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި އެ ކޯޓުން ގޮތެއް ކަނޑައަޅައި ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް އިހުތިޔާރުކޮށްގެން ކުރިއަށް ދިއުމަކީ މަޖިލީހުން ކުރިންސުރެ އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު ކަންކުރަމުން އަންނަ ގޮތް ނޫން ކަމަށް ގަބޫލުކުރާ ކަމަށްވެސް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ އެ ތަންތަނަކީ ވަކި ފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި ކޯޓުތަކަށް އެހީތެރިވުން ގާނޫނު އަސާސީން ދައުލަތުގެ އިދާރާތަކަށާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި ފަރާތްތަކަށް މަތިކޮށްފައިވާ ކަމަށެވެ.

ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ އެ ތަންތަނަކީ ވަކި ފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި ކޯޓުތަކަށް އެހީތެރިވުން ގާނޫނު އަސާސީން ދައުލަތުގެ އިދާރާތަކަށާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި ފަރާތްތަކަށް މަތިކޮށްފައިވާ ކަމަށް ވެސް އެ ސިޓީފުޅުގައި އީވާ ވިދާޅުވެފައިވެއެވެ.

" ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން މި މައްސަލަ ކުރިޔައަށް ގެންދިޔުމަކީ، ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަކަށް ނުފޫޒަކަށް ވާނެ ކަމަކަށް ވެސް އަޅުގަނޑު ދެކެން،" ސިޓީގައި އީވާ ވިދާޅުވެފައިވެއެވެ.

އީވާ ވިދާޅުވެފައިވަނީ ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ފަހު ވަކި ގޮތެއް ނިންމުމުގެ ކުރިން އަނެއްކާވެސް މަޖިލީހުން ވަކި ގޮތަކަށް ކަންކުރުމުގެ މަސައްކަތް ކުރުން ވާނީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހްތިޔާމް ކުޑަކުރުން ކަމަށް ވެސް ދެކިވަޑައިގަންނަވާ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރުގެ މަސައްކަތް ކުރިޔައަށް ގެންދިޔުމަށް ރިޔާސަތުގައި އިނުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ.

އެމްޑީޕީން މިދިޔަ އާދީއްތަ ދުވަހު ވަނީ ޖަލްސާ ބޭއްވޭ ގޮތް ނުވާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލަ ކޯޓުން ވަނީ ބަލައިގެންފައެވެ. އަދި މާދަމާއަށް މައްސަލައިގައި ފުރަތަމަ އަޑުއެހުން ވަނީ ތާވަލްކޮށްފައެވެ.

އެ ޕާޓީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ ބ. ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ގޮތެއް ނިންމުމުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ހާޒިރުވެވަޑައި ނުގެންނެވޭ ހިނދުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރުން މަޖިލީހުގެ އިދާރާއަށް ލަޒިމްވާނެ ކަމަށް ކަނޑައަޅުއްވާ ދެއްވުމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީހަށް ހުށެޅިފައިވާނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނޫނީ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރާއި މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބަޔާން ކޮށްފައިވާތި، މިހާރު ހުށަހަޅާފައިވާ ގަރާރާއި މެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުއްވާ ދެއްވުމަށް ވެސް އެދިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355