ގައުމު ކުރިއެރުވުމުގައި އެންމެން އެކަތިގަނޑަކަށް ވާން އެބަޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސް މުއިއްޒު ދެއްވި ހާއްސަ މެސެޖެއްގައި ވަނީ ރާއްޖޭގެ ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފައެވެ.
ޖުމްހޫރީ ދުވަހުގެ ތަހްނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން! pic.twitter.com/j2Rvm4vTVD
— Dr Mohamed Muizzu (@MMuizzu) November 11, 2023
މިއަދު ފާހަގަކުރާ 55 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން އެ މަނިކުފާނު އެކްސްގައި ކުރެއްވި ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވީ "ޖުމްހޫރި ވެރިކަމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެން ދާނީ ރައްޔިތުންނާއި ސަރުކާރު ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން،" ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ބޭނުންވޭ. ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށް ވާން އެބަ ޖެހޭ،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.
މި ގޮތުގައި ކުރިޔަށް ދިޔުމަށް ހުރިހާ ބޭފުޅުންނަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވެވި އެވެ. އަދި ރާއްޖޭގައި ޖުމްހޫރީ ވެރިކަން މިހާތަނަށް ގެނައުމަށް މަސައްކަތް ކުރެއްވި ރައީސުންނާއި ވަޒީރުންނާއި ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިން އަދި އެންމެހާ ބޭފުޅުންނަށް އެ މަނިކުފާނު މި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ޝުކުރު އަދާކުރެއްވި އެވެ.
ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބު 54 ޕަސެންޓު ވޯޓުން ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު އެވެ. ހުވާކުރެއްވުމާއި މަގާމާ ހަވާލުވެވަޑައިގަތުމުގެ ދަރުބާރު އޮންނާނީ ޖުމްހޫރީ މައިދާނުގަ އެވެ.