އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ، އަބްދުﷲ ޒިޔަތަށް މާފު ދެއްވައި މިނިވަން ކޮށްފިއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވަނީ ރައީސް އެ ދެބޭފުޅުންނަށް މައާފު ދެއްވިކަން ބައެއް އޮންލައިން މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. ރައީސް އެ ދެބޭފުޅުންނަށް މައާފު ދެއްވީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ތެރެއިންނެވެ.
އަދީބާއި ޒިޔަތުގެ މައްޗަށް ކުށް ސާބިތުވިއިރު ދައުލަތުން ވަނީ އެ ދެބޭފުޅުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އަދި އެ ހިޔާނާތް ހިންގެވިއިރު ރައީސަކަށް ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ކޯޓުގައި ހެކީންގެ ގޮތުގައި ދައުލަތުން އަދީބާއި ޒިޔަތު ބޭނުން ކުރިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެކަމަކު، އެހުކުމް އިއްވިއިރު ވެސް ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު ބަލި ހާލާތު ހުރި ގޮތުން ކަމަށް ބުނެ އަދީބު ހުންނެވީ ގޭ ބަންދުގައެވެ.
މި ހިޔާނާތް ސާބިތުވެ ޒިޔަތުގެ މައްޗަށް ވަނީ ޖުމުލަ 31 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ރައީސް ސޯލިހު 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަދީބާއި ޒިޔަތު ވެސް ހުންނެވީ ޖަލު ބަންދުގައެވެ. އެ ދެ ބޭފުޅުން ގޭ ބަންދަށް ބަދަލު ކުރެއްވީ ރައީސް ސޯލިހެވެ.
ހިޔާނާތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރިޔާސީ އިންތިހާބު އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަށް ފަހު އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ރައީސް ސޯލިހު ވަނީ ޔާމީން ގެއަށް ބަދަލު ކުރައްވާފައެވެ. ނަމަވެސް އަދިވެސް ކުށް ސާބިތުވެފައި ވާތީ މިނިވަނެއް ނުވެއެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދައި ދެއްވާނެ ކަމެވެ. ނަމަވެސް އެކަން ނުވިއިރު ދައުރު މި ނިންމާލީ ހިޔާނާތުގެ މުގުލުގައި ތިއްބެވި ދެ ބޭފުޅުންނަށް މައާފު ދެއްވައިގެންނެވެ.
އަދީބުގެ ސިއްހީ ހާލަތު ގޯސްވެފައި ވަނީ 2015 އިން 2018ގައި އޭނާ ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގެ ތެރޭގައި ދިމާވި ސިއްހީ މައްސަލަތަކާއި ގުޅިފައިވާ ކަންކަން ކަމަށް ބެލެވޭ ކަމަށް އެމްޓީޑީން ބުނެފައި ވެއެވެ. އަދި ދާދި ފަހުން އަދީބު ވަނީ ބޭސް ފަރުވާއަށް ސިންގަޕޫރަށް ވެސް ވަޑައިގެންފައެވެ.