ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ކުޅުދުއްފުށީގެ އަންހެނުންނަށް ބާއްވާ ނެޓްބޯޅަ މުބާރާތުގައި 7 ޓީމާއެކު އިއްޔެ ހަވީރު ފަށައިފި އެވެ.
ކޮންމެ ދުވަހަކު 3 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗު އިއްޔެ ހަވީރު 5:00ގައި ފަށާފައިވާއިރު، އެ މެޗުގައި ބައްދަލުކުރީ އަފީފުއްދީން ސްކޫލާއި ޓީމް ކެޑާއި އެވެ. މި މެޗު ނިމުނީ 28 ޕޮޓް 28 ޕޮޓުން ދެ ޓީމް އެއްވަރު ވެގެނެވެ. މި މެޗުގެ ކުއީން އަކަށް ހޮވިފައިވަނީ ކެޑް ޓީމްގެ ގޯލް އެޓޭކް ސަމާ އެވެ.
ރޭގައި ކުޅުނު ދެ ވަނަ މެޗުގައި ފައިވް އާއި ޔުނިކް ފްރެންޑްސް ބައްދަލުކުރި މެޗް ދިމާވި މައްސަލައަކުން ވަނީ ކެންސަލްކޮށް އަލުން ކުޅުމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ނިންމާފަ އެވެ.
ރޭގެ ދެވަނަ މެޗުގައި (މުބާރާތުގެ 3 ވަނަ މެޗުގައި) ކޭވައިއާރުސީ އާއި ޓީމް މަންތާ ބައްދަލު ކުރި މެޗު 52 ޕޮޓް 3 ޕޮޓުގެ ބޮޑު ތަފާތަކުން ކޭވައިއާރުސީ ވަނީ ކާމިޔާބުކޮށްފަ އެވެ. މި މެޗުގެ ކުއީންއަކަށް ހޮވިފައިވަނީ ކޭވައިއާރުސީގެ ރާޝިދާ އެވެ.
މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ކޭވައިއާރުސީ އެކަޑެމީ ޓީމާއި ޔުނިކް ފްރެންޑްސް އެވެ. އަދި މިރޭ ފުރަތަމަ މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަފީފުއްދީން ސްކޫލާއި ކޭވައިއާރުސީ އެވެ. މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ކެޑާއި މަންތާ އެވެ.
16 އަހަރުން މަތީގެ ކުޅުދުއްފުށީ ކޮންމެ އަންހެނަކަށް ކުޅެވޭ ގޮތަށް ހުޅުވާލި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. ކުޅުދުއްފުށީގެ އަންހެނެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ ކުޅުދުއްފުށީ މީހެއް ނަމައެވެ. މީގެ އިތުރުން ކުޅުދުއްފުށީ މީހަކާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރު މީހުންނަށް މި މުބާރާތުގައި ކުޅެވޭނެ އެވެ.
ރަށުން ބޭރުން ކުޅުންތެރިން ނުގެނެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ ޗެމްޕިއަން ޓީމް، ރަނަރަޕް ޓީމް، ފެއާ ޕްލޭ ޓީމް، ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އާއި އެންމެ މޮޅު 7 ކުޅުންތެރިން އަދި އުމުރުން އެންމެ ދޮށީކުޅުންތެރިޔާ ހޮވާނެ އެވެ.