ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ހޮޑުބޭހެއްގައި ނުރައްކާތެރި ކެމިކަލް މާއްދާތައް ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރެގެން, އެ ބޭސް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
އެމްއެފްޑީއޭއިން ބުނީ އެމިޑޯން ސަސްޕެންޝަން ކިޔާ ބޭހެއްގައި ޑައިތެލީންނާއި އެތިލީން ގްލައިކޯލް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތީރިޓީން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން, އެ ބޭސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުން މަނާ ކަމަށް އެ އޮތޯރިޓީން ނެރުނު އެލާޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އަމިއްލަ ބޭނުމަށް ބޭސް ސިޓީއަށް ވެސް މި ބޭސް އެތެރެ ކުރުން މީގެ ފަހުން މަނާވާނެ ކަމަށާއި މިހާރު ބޭސް އެތެރެކޮށް ވިއްކަމުންދާ ފަރާތްތަކުން ވެސް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ވަނީ އަންގާފަ އެވެ.
ޑައިއެތިލީން އެތިލީން ގްލައިކޯލްއަކީ އިންސާނުންނަށް ވިހަ ދެ މާއްދާ އެވެ. ހަށިގަނޑަށް އެތެރެވެއްޖެ ނަމަ މަރުވުމުގެ ފުރުސަތު ބޮޑެވެ. މި މާއްދާތައް ހިމެނޭ ބޭސް ބޭނުންކޮށްގެން ދުނިޔޭގެ ބައެއް ގައުމުތަކުގައި ކުދިން މަރުވުމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ނެރޭ އެލާޓްތައް, ރާއްޖޭގެ އެމްއެފްޑީއޭއިން ވަނީ ފާއިތުވި އަހަރު ތެރޭ ތަކުރާރުކޮށް ނެރެފަ އެވެ.
ނަމަވެސް މި މާއްދާތައް އެކުލެވޭ ބޭސް ރާއްޖޭގެ މޭކެޓުން ފުރަތަމަ ފަހަރަށް ފެނުނީ މި މަސް ތެރޭގަ އެވެ. އެއީ ސިޓްރިޒެން ދިޔާ ބޭހަކުންނެވެ. ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދާފައިވާ އަލެގްރޯ ބްރޭންޑުގެ އެ ބޭސް މަނާ ކުރުމަށްފަހު, އޭގެ ދުވަސްކޮޅެއް ފަހުން އެ މުޅި ބްރޭންޑު ވެސް ރާއްޖޭގައި ވިއްކުން ވަނީ މަނާކޮށްފަ އެވެ.
ޑަބްލިއުއެޗްއޯއިން މީގެ ކުރިން ނެރުނު އެލާޓެއްގައިވާ ގޮތުން އެ ކެމިކަލްތަކަކީ ބޭނުންކުރަން އެއްގޮތަކަށް ވެސް ރައްކާތެރި ނޫން އަދި ކުޑަކުދިންނަށް އޭގެ ނުރައްކާ މާ ބޮޑު ބާވަތްތަކެކެވެ. އެއީ ބޮޑެތި ގެއްލުންތައް ލިބި ފުރާނައަށް ނުރައްކާވެދާނެ ބާވަތްތައް ކަމަށް ވެސް އެ އެލާޓްގައި ބުނެފައިވެ އެވެ.
އެ ބާވަތްތައް ބޭނުން ކުރެވިއްޖެ ނަމަ ވެދާނެ ގޮތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ބޭރަށް ހިންގުން އަދި ކުޑަކަމުދާން އުނދަގޫވުން ހިމެނެ އެވެ. ބޮލުގައި ރިއްސުމާއި ހެޔަށް ގޮތްވުމާއި ކިޑްނީ ހަލާކުވުމަކީ ވެސް އެ ބާވަތްތަކުން ލިބިދާނެ ގެއްލުންތަކެވެ.