twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އޮސްޓްރޭލިޔާ ސަފީރު، ނައިބު ރައީސް އާއި ބައްދަލުކުރައްވައިފި

ނަބީލާ އިސްމާޢީލް
Nov 29, 2023

އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖަސެޕް، ރައީސުލްޖުމްހޫރިއްޔާ ނައިބު ހުސައިން މުހައްމަދު ލަތީފުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އޮސްޓްރޭލިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާ ގުޅޭގޮތުން އޮސްޓްރޭލިޔާގެ ސަފީރާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދައްކެވިއެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ.

މީގެ އިތުރުން ސަފީރު ވަނީ, ރާއްޖެއަށް މިހާރުން މިހާރަށްބޭނުންވާ ތަރައްގީގެ މުހިންމު ޕްރޮގްރާމުތައް ކުރިޔަށްގެންދިއުމަށް މި ސަރުކާރުން އެކުލަވާލާފައިވާ "ހަފުތާ 14" އަށް ތައުރީފު ކުރައްވާފައެވެ.

ނައިބު ރައީސްއާއި އޮސްޓްރޭލިޔާގެ ސަފީރު ވަނީ، ދެގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ދެބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން، ނަފްސާނީ ދުޅަހެޔޮކަން، އިންސާނީ ވަސީލަތްތައް ތަރައްގީކުރުން، ތައުލީމު، ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދޭދޭ އަދި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުން، އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ މުހިންމު މައްސަލަތައްވެސް ހިމެނެއެވެ.

ސަފީރުގެ ވާހަކަފުޅުގައި، އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް އެޤައުމުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި، ދާދިފަހުން ރާއްޖޭގައި އޮސްޓޭލިޔާގެ ހައިކޮމިޝަނެއް ޤާއިމުކުރުން އެއީ އޭގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ސަފީރު ވަނީ، ދެޤައުމުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމާއެކު ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުސޫލުތަކަށް އިހުތިރާމުކުރުމާއި، މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކޮށް އަދި ސުލްހަ މަސަލަސްކަން ކުރިއެރުވުމަށްވެސް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދެޤައުމުގެ ގާތް ރަހުމަތްތެރިގުޅުން އިތުރަށް ބަދަހިކޮށް ދެގައުމުން ގުޅިގެންކުރާ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355