އިނގިރޭސިވިލާތުގެ އިމިގްރޭޝަން އިދާރާއިން ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް ބަދަލުގެ ގޮތުގައި 20،000 ޕައުންޑް (389,360 ރުފިޔާ) ދޭން ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުން، އަޅުގަނޑުގެ ކިބައިން މަޢާފަށް އެދި، އެޤައުމުގެ ސަރުކާރުން އަޅުގަނޑު ހައްޔަރުކުރީ ޤާނޫނާ ޚިލާފަށްކަން ކަނޑައަޅައި، ވިހިހާސް ސްޓާލިންގ ޕައުންޑުން އަޅުގަނޑަށް ބަދަލުދޭން ނިންމައިފި.
— Ali Waheed (@ali20waheed) November 29, 2023
ވަގުތު ނެގިއަސް ޙައްޤަށް ނަސްރު ލިބޭނެ. ހަމްދު ކުރަނީ ހެއްދެވިފަރާތަށް. އާމީން! pic.twitter.com/fP95aYTSLD
"ވަގުތު ނެގިއަސް ހައްގަށް ނަސްރު ލިބޭނެ. ހަމްދު ކުރަނީ ހެއްދެވިފަރާތަށް. އާމީން،" އަލީ ވަހީދަށް ބަދަލު ދޭންޖެހުމާ ގުޅިގެން އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރުކުރީ އެ ގައުމުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތުގައި 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ ގައުމުގެ ފުލުހުން ފަހުން ވަނީ އަލީ ވަހީދު ދޫކޮށްލާފަ އެވެ.
އަލީ ވަހީދު ހައްޔަރުކޮށް ދޫކޮށްލި ނަމަވެސް އޭނާގެ ރާއްޖޭގެ ގާނޫނީ ޓީމާއި އިނގިރޭސިވިލާތުން އެކުލަވާލި ގާނޫނީ ޓީމުން ވަނީ އަލީ ވަހީދު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށް ކަމާ ގުޅޭ އިދާރާތަކަށް މައްސަލަ ހުށަހަޅާފަ އެވެ.
"އަޅުގަނޑުމެން ގުޅިފައިވާ ވަކީލުންގެ ޓީމުން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ނުހަނު އަވަހަށް އަލީ ވަހީދު ބަންދުން މިނިވަންވެގެން ދިއުމުގެ އިތުރަށް އޭނާ ބަންދުކުރެވުނީވެސް އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއް މައްޗަށް ބިނާކޮށް، އިނގިރޭސިވިލާތުގެ ގާނޫނާ ވެސް ހިލާފަށްކަން މިއަދު މިވަނީ ހާމަވެގެން ގޮސްފަ އެވެ." އަލީ ވަހީދުގެ ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މިމައްސަލައިގައި އިނގިރޭސި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ އަލީ ވަހީދު ހައްޔަރުކުރެވުނީ ގާނޫނާ ހިލާފަށް ކަމަށް އެއްބަސްވެ އެކަމަށް މައާފަށް އެދިފަ އެވެ. އެހެންވެ އަލީ ވަހީދަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 20،000 ސްޓާލިން ޕައުންޑް (389،351 ރުފިޔާ) ދިނުމަށް އިނގިރޭސި ސަރުކާރުން ވަނީ ނިންމާފަ އެވެ.
އަލީ ވަހީދު އިނިރޭސިވިލާތުން ހައްޔަރުކުރީ އޭނާ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނިކޮށް ސިއްހީ ފަރުވާއަށް އެ ގައުމަށް ވަޑައިގެންނެވި ފަހުންނެވެ. ނަމަވެސް އަލީ ވަހީދަށް ކުރި ދައުވާތައް މިއަހަރުގެ ޖޫން ހަވަނަ ދުވަހު ދައުލަތުން އަނބުރާ ގެންދިއުމާ ގުޅިގެން އަލީ ވަހީދު ވަނީ މިއަހަރުގެ ޖުލައި 11 ވަނަ ދުވަހު ރާއްޖެ ވަޑައިގެންފަ އެވެ.