twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކޮޕް28ގެ ވޯލްޑް ލީޑާސް ސަމިޓް ހުޅުވުމުގައި ރައީސް ބައިވެރިވެވަޑައިގެންފި

Dec 1, 2023

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ވޯލްޑް ލީޑާސް ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.

މިސަމިޓުގައި ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، ޠާރިޤު އިބްރާހީމާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮޕް28 ބައްދަލުވުމުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތްފަހުން އެމަނިކުފާނު މިފަދައިން ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.

ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށެވެ.

ކޮޕް28 ބާއްވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި 30 ނޮވެމްބަރު 2023 އިން 12 ޑިސެންބަރު 2023 އާ ހަމައަށެވެ. މި ކޮންފަރެންސްގައި 70،000 ފަރާތަކުން ބައިވެރިވާއިރު އޭގެތެރޭގައި ޤައުމުތަކުގެ އިސްވެރިންނާއި އެކި ސިނާޢަތްތަކުގެ ބައިނަލްއަޤްވާމީ ފެންވަރުގެ ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ފަރާތްތަކާއި ތަޢުލީމީ މާހިރުންނާއި އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމުއިއްޔާ ޖަމާއަތްތައް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355