twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޗައިނާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ނައިބު ރައީސް ބައްދަލު ކުރައްވައިފި

ނަބީލާ އިސްމާޢީލް
Dec 6, 2023

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ހުންނަ ޔުނާން ޔުނިވާސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ދިވެހި ދަރިވަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޔުނާން ޕްރޮވިންޝަލް ގަވަންމަންޓް ސްކޮލަޝިޕްގެ ދަށުން ޔުނާން ޔުނިވާސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާއާ ގުޅޭގޮތުން ނައިބު މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާނެ ދަތިތައް ސަރުކާރަށް ފާހަގަކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަޔާންކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ދަރިވަރުންވެސް ވަނީ އެ ދަރިވަރުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ.

ނައިބު ވަނީ، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ހާއްސަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން މިހާރުވެސް ކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވެ، އެމައްސަލައަށް ކައިރި މުސްތަޤްބަލެއްގައި އަވަސް ހައްލެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޗައިނާ އިންޓާނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355