ސިޔާސަތު ކަނޑައެޅުމުގައި މިންތީގެ ހަމަހަމަކަމަށް ވިސްނައި ލިބެންހުރި މައުލޫމާތުގެ ފުރިހަމަ ބޭނުން ހިފުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އިއްޔެ 'ޖެންޑަރ ޑޭޓާ ޔޫސް އިން ޕޮލިސީ މޭކިންގ ވެލިޑޭޝަން އެންޑް އެޑްވޮކަސީ ވޯކްޝޮޕް'ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، މި ވަގުތަކީ މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން، ލިބެންހުރި މައުލޫމާތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް އާ ސިޔާސަތުތައް އެކުލަވައިލުމަށް އެންމެ އެކަށީގެންވާ ވަގުތުކަމަށެވެ. އަދި ގައުމުގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަނާ ވަނީ، ސިޔާސަތުތަކާއި ގަވާއިދުތަކާއި ގާނޫނުތައް އެކުލަވައިލާއިރު ރައްޔިތުންގެ އުންމީދުތަކާ މެދު ވިސްނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލައްވާފައެވެ.
އެކަމަނާ ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި މިންތީގެ ހަމަހަމަ ކަމަށް މަސައްކަތްކުރުން ނޫންކަމަށާއި، ހަމަ އެއާއެކު ސަރުކާރުގެ މަގުސަދަކީ ގައުމީ ތަރައްގީގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރެއްވުން ކަމުގައެވެ.
އަދި އިގުތިސާދީ ދާއިރާގައި އޮންނަ އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، ސިޔާސީ ދާއިރާއާއި ރައްޔިތުންނަށް އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއް ދާއިރާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ޕާޓްނާޝިޕް އިން ސްޓެޓިސްޓިކްސް ފޮރ ޑިވެލޮޕްމަންޓް އިން ދަ ޓުވެންޓީ ފަސްޓް ސެންޗަރީ (ޕީ.އޭ.އާރް.އައި.އެސް.21) އާ ގުޅިގެން ކޮށްފައިވާ ދިރާސާގެ އަލީގައި، ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަރުހަލާގައި މިންތީގެ ހަމަހަމަ މައުލޫމާތު ހިމެނުމުގެ މުހިންމުކަމުގެ މައްޗަށެވެ.