twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ސިކުނޑީގެ ފަރުވާއަކަށް ބޭރަށް ދިޔުމަށް އެހީ ހޯދަނީ

އަބްދުލް ވާހިދު ޙަސަން
Dec 10, 2023

އުމުރުން 14 އަހަރުގެ އާމިނަތު ސުމާ އަހުމަދަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. އެހެންވުމުން ކޮންމެ ކަމެއް ކުރުމުގައިވެސް ސުމާއަށް އެހެން މީހުންގެ އެހީތެރިކަން ހޯދަން ޖެހެ އެވެ.

ސުމާ ބޮޑުވަމުން އަންނައިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފިޓް ޖެހުމެވެ. އެންމެ ތުއްތު އިރުން ފެށިގެންވެސް ފިޓް ޖެހޭއިރު ބޮޑުވަމުން އަންނަ ވަރަކަށް ފިޓް ޖެހޭ ވަރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން މަހެއްގެ މައްޗަށް 7 ނުވަތަ 8 ފަހަރުވެސް ފިޓް ޖެހެ އެވެ.

ސުމާގެ ސިއްހީ މައްސަލައަށް ހައްލެއް ހޯދުމަށް އާއިލާ ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން އެކި ފަހަރު އިންޑިޔާގެ ޓްރިވެންޑްރަމަށް ޑޮކްޓަރަށް ދައްކަން ގޮސްފައިވެ އެވެ. އެކަމަކު އެކަށީގެންވާ ހައްލެއް ވަނީ އަދި ނުލިބި އެވެ. އެހެންވުމުން ރާއްޖޭގައި ލިބެން ނެތް ފަރުވާ ހޯދުމަށް ބޭރަށް ދިޔުމަށް ނާރުގެ ހާއްސަ ޑޮކްޓަރު، ޑރ އިހުދުﷲ ސައީދު ލަފާގެ މަތިން އިންޑިޔާއަށް ދިޔުމަށް އާއިލާއިން އަންނަނީ ތައްޔާރުވަމުންނެވެ.

ފިޓް ޖެހޭތީ ދޭ އެންމެ މަތީ ޑޯޒްގެ ބޭސް ދީގެންވެސް ހިފަހައްޓާ ނުލެވޭއިރު ބޮޑުވަމުން އަންނަ ވަރަކަށް ފިޓް ޖެހޭލެން އިތުރުވަމުންދާންކަމަށް ސުމާގެ މަންމަ ނަސީމާ އިބުރާހިމް ބުންޏެވެ. އަދި ފިޓް ޖެހޭތީ ދޭ ބޭހުގެ އިތުރުން މިހާރުވެސް ސުމާއަކީ ތައިރޮއިޑަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ.

ނަސީމާ ބުނީ، އާއިލާއިން މަސައްކަތްކުރަނީ ބެންގަލޫރުގެ ބީޖީއެސް ހޮސްޕިޓަލަށް ދިޔުމަށް ކަމަށާއި އެތަނަށް ގޮސް ޓެސްޓްތައް ހެދުމުން އޮޕަރޭޝަން ކުރަން ޖެހެއްޏާ އޮޕަރޭޝަނަށް ގާތްގަނޑަށް މަހެއް ހޭދަވާނެ ކަމަށެވެ. އަދި އެ ހުރިހާ ހަރަދެއްކުރާނެ ފައިސާ ނެތް ކަމަށާއި އެހެންވުމުން އާންމުގެ ދީލަތި އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެހީތެރިވެދެއްވާ

ސުމާގެ މަންމަ (ނަސީމާ އިބުރާހިމް) ބީއެމްއެލް އެކައުންޓްތައް.

- 7706472803001 ރުފިޔާ
- 7730000400426 ޑޮލަރު

ފޯނު ނަމްބަރު: 9967528

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355