ރާއްޖެއަށް ފިޔާއާއި އެހެނިހެން ޒަރޫރީ ބާވަތްތައް އިމްޕޯޓު ކުރުމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށާއި މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ސަރުކާރުން އެކަށޭނަ ހައްލެއް ހޯދައިދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ ބުނެފި އެވެ. އެހެން ކަމުން އާންމުންނަށް ދަތިވާނެހެން ފިޔާގެ އަގު މަތި ނުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އިންޑިއާއިން ފިޔާ ބޭރުކުރުން މަނާ ކުރުމާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އިންތިހާއަށް އުފުލިފައިވަނިކޮށް އެ މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައި ވަނީ، މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓު ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވީ ނަމަވެސް ދިވެހިންނަށް ފިޔާ ލިބުމުގައި ދަތިކަމެއް ދިމާވާނެ ފަދަ އެއްވެސް ފިޔަވަޅެއް އެގައުމުން އަޅާފައިނުވާ ކަމަށެވެ.
ރާއްޖެއަށް ފިޔާ އިމްޕޯޓްކުރާ ބައެއް ފަރާތްތަކާ އެ މިނިސްޓްރީން ކުރި މަޝްވަރާތްތަކުގައި އެ ފަރާތްތަކުން ވަނީ ރާއްޖެއަށް ދަތިކަމެއް ނެތި ފިޔާ އިމްޕޯޓް ކުރެވޭނެ ކަމުގައ ޔަގީންކަން ދީފައި ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ނަމަވެސް އެ މިނިސްޓްރީން ތަފާތު 23 ވިޔަފާރިއަކުން އަގުބަލައި ކުރި ދިރާސާއިން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 23އާ އަޅާބަލާއިރު މިއަދު ބާޒާރުގައި 20 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަގަކަށް ފިޔާގެ އަގު އުފުލިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
މި މިނިސްޓްރީއިން މިހާތަނަށް ބެލިބެލުމުން، ރާއްޖެއަށް ފިޔާ އިމްޕޯޓްކުރުމުގައި އެއްވެސް ދަތިކަމެއް ނެތް pic.twitter.com/WVd5sMuyK4
— Ministry of Economic Development and Trade (@MoEDmv) December 10, 2023
އެހެންކަމުން މިނިސްޓްރީން ވަނީ ފިޔާ އާއި އެހެނިހެން ޒަރޫރީ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް އެއްވެސް ދައްޗެނެތް ކަމަށް ތަކުރާރުކޮށް ފާހަގަކޮށްފައެވެ.
މިނިސްޓްރީންގެ ބަޔާނުގައި އިތުރަށް ބުނީ ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓް ކުރުމަށް އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތެއްގައި މިކަމަށް އެކަށޭނަ ހައްލެއް ސަރުކާރުން ހޯދައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށާއި އާންމުންނަށް ދަތިވާފަދަ ގޮތަށް ބާޒާރުގައި ފިޔާގެ އަގު މަތިނުކުރުމަށް މިނިސްޓްރީން އިލްތިމާސް ކުރާ ކަމަށެވެ.
މީގެ ކުރިން ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 200 ރުފިޔާއާ 350 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ނަމަވެސް މިހާރު 500 ރުފިޔާއަށް ވެސް ބައެއް ފިހާރަތަކުން އަގު ބޮޑުކޮށްފައިވާއިރު، ގިނަ ފިހާރަތަކުގައި ފިޔާ ވިއްކަނީ 800 ރުފިޔާއާއި 900 ރުފިޔާއާ ދެމެދުގެ ބޮޑު އަގެއްގައެވެ.
މީގެ ކުރިންވެސް ރޯދަމަހާ ދިމާކޮށް ބާޒާރުގައި ފިޔާގެ އަގު އަންނަނީ އުފުލެމުންނެވެ.