twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމު ސްކޫލުތަކުގައި ފަށަނީ

Dec 14, 2023

އަންނަ ދިރާސީ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް، ތައުލީމުގެ ތެރެއިން ހުނަރު ދަސްކޮށްދޭ ވޮކޭޝަނަލް ޕްރޮގްރާމްތައް ފައްޓަވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އާބަންކޯގެ އެހީތެރިކަމާއެކު ހުރަވީ ސްކޫލްގައި ގާއިމުކުރި ވޮކޭޝަނަލް ހަބް "ހުނަރުވެހި" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ގައެވެ.

މި ވޮކޭޝަނަލް ހަބަކީ، ދިރިއުޅުމާއި ވަޒީފާގެ މައިދާނަށް ޝައުގުވެރި ދަރިވަރުންތަކެއް ތަމްރީންކުރުމަށް ގާއިމުކުރި ހަބެކެވެ. ހަބުގައި އެކިކަހަލަ މަސައްކަތްތެރިކަމާއި ގުޅޭ ހުނަރުތައް ދަސްކޮށްދީ، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހުނަރުވެރި ދިވެހިވަންތަ ޖީލެއް ބިނާކުރެއްވުމަަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަމާޒުކަމަށެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް އަންނަ ދިރާސީ އަހަރުން ފެށިގެން، ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ފައްޓަވާނެކަމަށް ވިދާޅުވިއެވެ.

އަދި މިކަމަކީ ހަމައެކަނި ކިޔެވުމަށް ދަށް ކުދިންނަށް ދޭ ފުރުސަތެއްގެ ބަދަލުގައި، ކޮންމެ ދަރިވަރަކަށްވެސް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހަމަހަމަކަމާއެކު ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީވެސް ކޮންމެވެސް ހުނަރެއް އެނގޭ ކުދިންނަށް ހައްދަވާނެ ކަމަށް ވެސް ތައުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

"އަންނަ އަހަރު ސްކޫލްތަކުގެ ނިޒާމަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ތައާރަފުކުރާނަން. އެކަން މަތީތައުލީމުގެ ވުޒާރާއާއެކު، ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. މި ފުރުސަތު ސްކޫލްގައި ކިޔަވާ އެންމެ ދަށް ކުއްޖާއަށްވެސް އަދި އެންމެ މޮޅު ކުއްޖާއަށްވެސް ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބޭނެ." ވަޒީރު ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވީ، ގައުމަށް ބޭނުންވާ ހުނަރުވެރިން ތަމްރީންކުރުމުގައި އެމްއޭސީއެލްގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށެވެ. މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކަށް ވެގެންދަނީ، ކުރިމަގުގައި ކުންފުނިތައް ހިންގުމަށް ގާބިލު ޖީލެއް ބިނާކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކުރިއަށް އޮތްތާނގައި، ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ހާއްސަކޮށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައްވެސް ހިންގަވާނެކަމަށެވެ.

"އަޅުގަނޑުމެންނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި. އަޅުގަނޑުމެންގެ ބޮޑު ޒިންމާއެއް ވަޒީފާގެ މައިދާނަށް މީހުން އުފެއްދުން. ކުރިއަށްއޮތްތާނގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށްވެސް ހުޅުވާލާނަން. "ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ، ވަޒީފާގެ މައިދާނަށް ހުނަރުވެރި ގާބިލު ޖީލެއް ބިނާކުރުމެވެ. އެގޮތުން ސްކޫލްގެ ތައުލީމީ ނިޒާމުގައި ހިމަނައިގެން ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355